ސްޕެނިޝް ލަލީގާގައި ރޭ އޮވިއޭޑޯ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް އާއި ދެމެދުވާ ފަރަގު ކުޑަކޮށްފި އެވެ.
މި މެޗުން ބާސެލޯނާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން 16 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 18 ޕޮއިންޓެވެ.
އޮވިއޭޑޯގެ ދަނޑުގައި ކުޅުނު މި މެޗުގެ 33 ވަނަ މިނިޓުގައި އޮވިއޭޑޯގެ އަލްބާޓޯ ރެއިނާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ލީޑު ނަގައިދިނުމަށްފަހު ބާސެލޯނާ ސިއްސުވާލާފަ އެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމިނުއިރު 1-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި އެރިކް ގާސިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުން ބާސެލޯނާ އަށް ލީޑު ލިބިފައިވަނީ މެޗުގެ 70 ވަނަ މިނިޓުގައި ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ރޮނަލްޑް އަރައުހޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި އާސެނަލް އާއި ސްޕެއިންގެ ކުރީގެ މިޑްފީލްޑަރ ސެންޓި ކަޒޯލާ ވަނީ އުމުރުން 40 އަހަރުގައި ކުޅެފަ އެވެ.
ކަޒޯލާ ސަޕޯޓް ކުރާ ކްލަބު ކަމުގައިވާ އޮވިއޭޑޯ އަށް ކުރިން ކުޅުނު ނަމަވެސް އެ ކްލަބަށް ދިމާވި މާލީ ދަތިތަކާއިހުރި އޭނާ ވަނީ އެ ކްލަބު އޭރު ދޫކޮށްލާފަ އެވެ. އަދި ފަހުން 2023 ވަނަ އަހަރު ކަޒޯލާ ވަނީ އަލުން އެ ކްލަބާއި ގުޅި ލަލީގާ އަށް އެ ކްލަބު ޕްރޮމޯޓް ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.