ޚަބަރު

ކިނބިދޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި


  • ބިންގާ އަޅުއްވައިދެއްވީ ވަޒީރު ޢަލީ އިޙްސާން

  • މިމަސައްކަތް ކުރިއަށްގެންދަނީ ފެނަކައާ ހަވާލުކޮށްގެން

ތ. ކިނބިދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ކިނބިދޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކިނބިދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

ކިނބިދޫގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މިމަސައްކަތް ކުރިއަށްގެންދަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

މިދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ފުލުހުންގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. މިއަމާޒު ހާސިލުވުމުން އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.