ދުރާލާ ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް އަޒަރުބައިޖާނަށް ދަތުރުކުރެވޭނެހެން ދެ ޤައުމު ދެމެދު ވިސާ ވެއިވަރ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައެވެ. ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ސޮއިކުރެވުނު އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ވަޒީރު އަބްދުﷲ ޚަލީލްއެވެ. އަޒަރުބައިޖާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޖޭހުން ބައިރަމޯވް އެވެ.
މި އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ދުރާލާ ވިސާ ނެގުމަކާއި ނުލައި އަޒަރުބައިޖާން އަށް އެތެރެވުމާއި، ޓްރާންޒިޓްވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ފަސޭހަކަމާކާއެކު ދަތުރުކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
އާންމުންނަށް ވިސާ ނެގުމަކާއި ނުލައި، އަޒަރުބައިޖާނަށް ދަތުރުކުރެވޭނެހެން އެއްބަސްވުމެއްގައި ސޮއިކުރިއިރު، ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައިވެސް ވިސާއާ ނުލާ އަޒަރުބައިޖާނަށް ދަތުރުފަތުރު ކުރުމާގުޅޭ އެއްބަސްވުމެއްގައި މިދިޔަ އަހަރު ވަނީ ސޮއިކޮށްފައެވެ.