ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލު ކަނޑޫދުއަށް ވަޑައިގެންފި


  • ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެ

  • ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލު ކަނޑޫދުއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަނޑޫދުއަށް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުން ހިމެނޭހެން ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ކަނޑޫދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގެ އިތުރުން، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅުގެ ތެރެއިން އެރަށުގައި އަލަށް އިމާރަތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމާއި، އަލަށް އިމާރަތްކުރެވޭ ކައުންސިލް އިދާރާގެ ބިންގާ އެޅުންވެސް ކުރިއަށްދާނެއެވެ. އަދި އެރަށުގައި ބޭންކް އޮފް މޯލްޑިވްސްއިން ބަހައްޓާ އެޓީއެމް ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.