މުލަކަތޮޅު މުލީ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މުލީ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.
ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 363 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 180 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، 130 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، ރިވެޓްމަންޓް ބެކްފިލްކުރުމުގެ އިތުރުން ގޮނޑުދޮށް ވެލިން މުއްސަނދިކުރުން ހިމެނެއެވެ. 35,719,747.20 ރުފިޔާ ރުފިޔާގެ އެ މަޝްރޫޢު 250 ދުވަސްތެރޭ ނިންމަން ޖެހެއެވެ.
ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު މަރުހަލާއެއްގައެވެ. މިކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.