ނާލާފުށީ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.
މި މަޝްރޫޫޢު ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނާލާފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ނާލާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.
އެމްޓީސީސީން ވިދާޅުވީ ނާލާފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، 546 މީހުންގެ އާބާދީއެއް އޮންނަ ނާލާފުއްޓަށް ޒަމާނުއްސުރެ ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއްލިބި، ރަށުން ގޯތި ދޫ ކުރުމަށާއި، ސިނާޢީ މަސައްކަތް ކުރުމަށް އިތުރު ޖާގަ ތަނަވަސް ވެގެން ދާނެ ކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ރަށް ގިރުމުގެ މައްސަލަ ހައްލުވެގެން ދާނެ ކަަމަށް ވެސް އެ ކުންފުނިން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން، 15.48 ހެކްޓަރުގެ ބިން ހިއްކުމާއި، 993 މީޓަރުގެ ބަޔޮސްވޭލެއް ހެދުމާއި، 709 މީޓަރުގެ ސަރަޙަޢްދެއްގައި ރިވެޓްމެންޓެއް ޖެހުމާއި، 440 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. 172.79 މިލިއަން ރުފިޔާގެ މިމަޝްރޫޢު 720 ދުވަސްތެރޭ ނިންމަންޖެހެއެވެ.
ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 43,998.60 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ގެ ބަނދަރު ފުންކުރުމާއި، 408 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 191 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، މިހާރު ހުރި ބޭރުތޮށީގެ 46 މީޓަރު ރީ ޕްރޮފައިލް ކުރުމާއި، 78 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއ،ި 2030 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. 63.97 މިލިއަން ރުފިޔާގެ އެ މަޝްރޫޢު 400 ދުވަސްތެރޭ ނިންމަން ޖެހެއެވެ.
ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު މަރުހަލާއެއްގައެވެ. މިކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.