ޚަބަރު

ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލަށް 5 ވަޒީރުން ހިމެނޭހެން 9 ބޭފުޅަކު އައްޔަން ކުރައްވައިފި


  • މި ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ

  • މިއީ ރާއްޖޭގެ ޑިޖިޓަލައިޒޭޝަން މަސައްކަތަށް މަގުފަހިކުރުމަށް އުފެއްދެވި ކައުންސިލެއް

ރާއްޖޭގެ ޑިޖިޓަލައިޒޭޝަން މަސައްކަތަށް މަގުފަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލަށް 9 މެންބަރަކު އުފައްދަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ކައުންސިލް އުފެއްދެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުއެވެ.

ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލަކީ، ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު "މޯލްޑިވްސް 2.0- ޑިޖިޓަލް-ފަސްޓް ނޭޝަން" ގާއިމުކުރެއްވުމާ ގުޅޭގޮތުން ތައްޔާރުކުރައްވާފައިވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރެއްވުމަށް އުފައްދަވާފައިވާ ކައުންސިލެކެވެ. އެގޮތުން ރާއްޖޭގެ ޑިޖިޓަލައިޒޭޝަން މަސައްކަތަށް ފަހިކޮށްދެއްވައި، ލަފާދެއްވައި، އެ މަސައްކަތްތައް ކައުންސިލުން ބަލަހައްޓަވާނެއެވެ. މި ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މި ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާ ވަނީ 5 ވަޒީރުން ހިމެނޭހެން 9 މެންބަރަކު އައްޔަން ކުރައްވާފައެވެ.

ޑިޖިޓަލް ޓްރާންސްފޯމެނޭޝަން ކައުންސިލްގެ މެންބަރުން

  • ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން
  • މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު
  • ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
  • ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް
  • ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު
  • ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، ޢަބްދުالله ފަޔާޟް
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޑރ. މުޙައްމަދު ކިނާނަތު
  • ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސްޓްރެޓީޖިސްޓް، ސިޔާޙް ޚަލީލް
  • ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، ސަޢީދާ ޢުމަރު

މޯލްޑިވްސް 2.0 އަކީ، ޑިޖިޓަލް ދާއިރާއިން، ދިވެހިރާއްޖެއަށް އިންޤިލާބީ އަދި އިޞްލާޙީ ބަދަލުތަކެއް ގެނައުމުގެ މަޤްޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ ޕްރޮގުރާމެކެވެ. ސަރުކާރުން "މޯލްޑިވްސް 2.0" ނަމުގައި ފަށާފައިވާ ޑިޖިޓަލައިޒޭޝަން މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވީ، މިއަހަރު މެއި މަހުގެތެރޭގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ތަޞައްވުރުގެ ދަށުން ފަރުމާކުރެވޭ ޑިޖިޓަލް މާހައުލަކީ ރައްޔިތުންނަށް އިސްކަންދީގެން އިދާރާތަކުގެ މަސައްކަތް އަވަސްކޮށް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. ރައްކާތެރި ނިޒާމެއްގެ ތެރެއިން، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މިހާރު އޮތް ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނައުމަށް މިމަސައްކަތުގެ ތެރެއިން އިސްކަން ދޭނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ސަރުކާރުން ވިދާޅުވާގޮތުގައި މި މަޝްރޫޢުއަކީ ހަމައެކަނި ޑިޖިޓަލް ޓްރާންސްފޮމޭޝަންއާ ބެހޭ އިސްތިޖާރުތައް ބަޔާންކުރާ މަޝްރޫޢުއެއް ނޫނެވެ. މިއީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޯށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރު ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ،