ޚަބަރު

ހުޅުމާލޭ ހިޔާ 16 ވަނަ ޓަވަރުގައި ހުންނަ ޖީޕީ ކްލިނިކްގެ ޚިދުމަތް މިހާރު 24 ގަޑިއިރު ލިބޭނެ


  • އެޖީޕީ ކްލިނިކް ހުޅުވާފައިވަނީ 2023 ވަނަ އަހަރު

  • ޖީޕީގެ ކްލިނިކްގެ ޚިދުމަތުގެ ވަގުތު އިތުރުކުރުމާއެކު ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް އިތުރަށް ފަސޭހަވެގެންދާނެ

ހުޅުމާލޭ ހިޔާ 16 ވަނަ ޓަވަރުގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކް ޖީޕީ ކްލިނިކްގެ ޚިދުމަތް 24 ގަޑިއިރު ލިބޭގޮތަށް ހަމަޖައްސަވައިިފިއެވެ. އެކްލިނިކް ހުޅުވާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ސިއްޙީ ފަރުވާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، 2023 ވަނަ އަހަރުގެ މެދުތެރޭގައި ހިޔާ 16 ވަނަ ޓަވަރުގައި ވަނީ ޖެނެރަލް ޕްރެކްޓިސްއަށް ޚާއްސަ ކްލިނިކެއް ހުޅުވާފައެވެ. އެތަން ހުޅުވިއިރު 6 ގަޑިއިރަށް އެއް ޝިފްޓަށް ޚިދުމަތް ދެމުންދިޔަނަމަވެސް، ޚިދުމަތް ހޯދަން އަންނަ މީހުންގެ ނިސްބަތް އިތުރުވުމާއެކު މިދިޔަ އަހަރުގެ އޭޕްރީލްމަހު ވަނީ ދެޝިފްޓަށް ޚިދުމަތް ފޯރުކޮށްދޭން ފަށާފައެވެ.

މިއާއެކުވެސް ހުމާއި ރޯގާގެ ދުވަސްވަރު ހުޅުމާލޭ ހޮސްޕިޓަލަށާއި، ޖީޕީ ކްލިނިކަށް ބާރު ބޮޑުވެއެވެ. އެހެންކަމުން އިތުރުވަމުންދާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީއަށް ސިއްޙީ ޚިދުމަތް އިތުރަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މިކްލިނިކްގެ ޚިދުމަތް ދޭވަގުތު އިތުރުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭ ހިޔާ ޓަވަރުގައި ހުރި ޖީޕީ ކްލިނިކްގައި 24 ގަޑިއިރު ޚިދުމަތްދޭން ނިންމާފައިވާކަމަށެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ކޮންމެ ދުވަހަކުވެސް 24 ގަޑިއިރު ކްލިނިކް ހުޅުވާފައި ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ. މިއާއެކު ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ސިއްޙީ ޚިދުމަތް ހޯދުމުގައި މިހާރަށްވުރެ ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށްވެސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ވިދާޅުވިއެވެ.

ހުޅުމާލޭގައި ހިޔާ ޓަވަރުގެ އިތުރުން، ސަރުކާރުން ތަރައްޤީކުރަމުންދާ 4000 ހައުސިންގ ޔުނިޓާއި އަދި އެނޫންވެސް ފްލެޓުތަކާއި ޢިމާރާތްތަކާއެކު ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާބާދީ އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން ސިއްޙީ ޚިދުމަތް ހޯދުމަށް އެދޭ މީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ. މީގެއިތުރުން ހުމާއި ރޯގާ ފެތުރޭ ދުވަސްވަރު ހުޅުމާލޭ ހޮސްޕިޓަލަށް ބާރު ބޮޑުވެގެންދެއެވެ. އެހެންކަމުން މި ކްލިނިކްގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމާއެކު ދެވަނަ ފިޔަވަހީގެ ސިއްޙީ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކަމާއެކު ހިދުމަތް ލިބި، ހުޅުމާލޭ ހޮސްޕިޓަލަށް އޮންނަ ބާރުވެސް ކުޑަވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.