ޚަބަރު

މ. މުލަކު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި


  • މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާބެހޭ ވަޒީރު

  • މަސައްކަތްކުރަނީ އެމްޓީސީސީން

މ. މުލަކު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މުލަކު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މ. މުލަކު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

މ. މުލަކު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީންނެވެ. 1942 މީހުންގެ އާބާދީއެއް އޮންނަ މުލަކުގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި މައިގަނޑު ގޮތެއްގައި ކޮށްއުޅެނީ މަސްވެރިކަމެވެ. މި ރަށުގެ ބަނދަރު ކުޑަވެފައ،ި އުޅަނދުފަހަރު ގިނަވުމުން، މަސްވެރިންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އެގޮތުން މި ފެށުނު ބަނދަރު ހެދުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ނިމުމާއެކު، ޖާގަ ތަނަވަސް ބަނދަރެއް ރަށު ރައްޔިތުންނަށް ލިބި، ލަފައިފުރުމުގައާއި، މުދާ އަރުވައި ބޭލުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އުމްރާނީ ގޮތުންނާއި އިޤްތިސޯދީ ގޮތުން ގިނަގުނަ މަންފާ ތަކެއް ކުރާނެ ކަމަށް ވެސް އެމްޓީސީސީން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން 70,120 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 253 މީޓަރުގެ ސޭންޑްފިލް ބޭރުތޮށި އައުޓަރ ރިވެޓްމެންޓެއް ޖެހުމާއި، 25 މީޓަރުގެ ނެރު ބޭރު ތޮއްޓެއް ލުމާއި، 53 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމާއި، 3,062 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

މި މަޝްރޫޢަކީ 62.63 މިލިއަން ރުފިޔާއަށް 485 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމ މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.