ފ. ނިލަންދޫގައި ޤާއިމްކުރާ އައު ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ނިލަންދޫ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށްޓަވައިދެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.
ނިލަންދޫގައި ޤާއިމްކުރާ އައު ނަރުދަމާ ނިޒާމަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަގަކީ 69,680,093.29 ރުފިޔާ އެވެ. މަޝްރޫޢުގެ މުއްދަތަކީ 720 ދުވަހެވެ.
މި މަޝްރޫޢުގެ ދަށުން ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި އަދި އައުޓް ފޯލް އެއް އެޅުމުގެ އިތުރުން މިއާއި ގުޅުން ހުރި މަސައްކަތްތައް ކުރުން ހިމެނެއެވެ.
އަރިހުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދާއި، ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސަޢުދާ އަދި ނިލަންދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފ. ނިލަންދޫ ފެނާއި، ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް ޙައްލެއް ގެނައުމަށް ފަށްޓަވާފައިވާ މި މަސައްކަތް ނިމުމާއެކު، ނިލަންދޫ ފެނާއި ނަރުދަމާގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.