ފ. ފީއަލީގައި ފުޓްސަލް ދަނޑެއް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށް ކުޅިވަރު ވުޒާރާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ފީއަލީގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމަށް އެމްޓީސީސީ އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ކުޅިވަރުގެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓ) އަޙްމަދު ސަޢުދީއެވެ.
ފީއަލީގެ ޒުވާނުން އެދޭ ގޮތަށް އެރަށުގައި ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެއް ތަރައްޤީކޮށްދެއްވުމަށް ސަރުކާރުން ނިންމަވާފައިވާއިރު އެމްޓީސީސީން އަންނަނީީ ރާއްޖޭގެ އެކި ސަރަހައްދުގައި ކުޅިވަރުގެ މަޝްރޫއުތައް ހިންގަމުންނެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒުވާނުންގެ މެދުގައި މަގްބޫލު ފުޓްސަލަށް ހާއްސަ ދަނޑުތައް އެޅުމާއި، މިހާރު އަޅާފައިވާ ދަނޑުތަކުގައި ޓާފް މަރާމާތުކުރުމާއި، ޓާފް އައު ކުރުން އަދި ލައިޓް ހަރުކުރުންފަދަ ކަންކަން ކުރުމަށްވެސް ފާއިތުވި މަސްތަކުގައި އެކި ކުންފުނިތަކާއި ވަނީ ހަވާލުކޮށްފައެވެ.
ރައީސުލް ޖުމްހޫރިއްޔާ ފ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު އެކި ރަށްރަށުގައި އަންނަނީ ކުޅިވަރުގެ މަޝްރޫއުތައް ފައްޓަވާ ދެއްވަމުންނެވެ. ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާއަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ދާއިރާއެއް ކަމަށެވެ. އަދި އެކި ރަށްރަށުގައި ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.