ޚަބަރު

ޒުވާން ޚަޠީބުންނަށް އަމާޒުކޮށްގެން އިސްލާމިކް ލީޑާޝިޕް ވޯކްޝޮޕެއް ފަށައިފި


  • މިއީ ދެދުވަހަށް ކުރިއަށްގެންދާ ވޯކްޝޮޕެއް

  • މި ވޯކްޝޮޕުގައި 50 ޒުވާން ޚަޠީބުން ވަނީ ބައިވެރިވެފަ

ޒުވާން ޚަޠީބުންނަށް އަމާޒުކޮށްގެން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ 'އިސްލާމިކް ލީޑާޝިޕް' ވޯކްޝޮޕް މިއަދު ފަށައިފިއެވެ.

މި ވޯކްޝޮޕް ކުރިއަށްގެންދިއުމަށް ހަަމަޖެހިފައިވާ ދެދުވަހުގެ މުއްދަތަށެވެ.

އިސްލާމީ ވުޒާރާއިން ވިދާޅުވީ، މި ވޯކްޝޮޕަކީ ޒުވާން ޚަޠީބުންނަށް އިތުރު ތަމްރީނު ދިނުމާއި އިސްލާމީ ލީޑާޝިޕްގެ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް ހިއްވަރުދީ ދާއިރާއާއި ގުޅޭ ދީނީ މުހިއްމު މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ވޯކްޝޮޕެއްކަމަށެވެ. އެކި ދަންފަޅިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ވޯކްޝޮޕުގައި ތަފާތު މުހިއްމު މަޢުޟޫއުތަކަށް ދަންފަޅިތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ވޯކްޝޮޕުގައި އަލިއަޅުވާލެވޭ މަޢުޟޫތަކުގެ ތެރޭގައި އިސްލާމީ އަޤީދާ، އިސްލާމްދީނާއި މިސްކިތްދެކެ ލޯބިވުން، ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުން، ލީޑާޝިޕް އެންޑް މެނޭޖްމެންޓް އިން އިސްލާމް، ޙައްދުފަހަނައެޅުން، އިސްލާމީ ތާރީޚުން ހޮވާލެވިފައިވާ ބައެއް ލީޑަރުން، އިމޯޝަނަލް އިންޓެލިޖެންސް އިން ލީޑާޝިޕް، ރުޅި ކޮންޓްރޯލްކުރުމާއި ހެޔޮ ގޮތުގައި ވަގުތު ހޭދަކުރުން އަދި ސްޓްރެޓެޖިކް މެނޭޖްމެންޓް ފޯ ދަޢުވާ އެންޑް ލީޑަޝިޕް ހިމެނެއެވެ.

މި ވޯކްޝޮޕްގެ ދަންފަޅިތައް ނަންގަވައިދެއްވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ދީނީ ޢިލްމުވެރިންނެވެ. މި ވޯކްޝޮޕުގައި 50 ޒުވާން ޚަޠީބުން ބައިވެރިވެފައިވެއެވެ.

ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގުރާމެވެ.