ޚަބަރު

ބިލެތްދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި


  • 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެ

  • ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައި

ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވައިފިއެވެ.

ބިލެތްދޫގައި އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވީ އެމަނިކުފާނު ފ.އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާއި ހަވާލުކުރައްވާފައެވެ.

ބިލެތްދޫގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމުންވެސް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 12 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށް ޚިދުމަތް ދޭންފަށާފައެވެ. އެންމެ ފަހުން އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށް ނިންމާފައިވަނީ ވ.އަތޮޅުގައެވެ.

އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާއިރު، ބޭންކުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މިމަޝްރޫޢު އެއްކޮށް ނިންމާލުމެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 163 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 222 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.