ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދުއަށް ވަޑައިގެންފިއެވެ.
ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ މިހާރު ފަށްޓަވާފައިވާ ދަތުރުފުޅުގެ 2 ވަނަ އަތޮޅެއްގެ ގޮތުން މިވަޑައިގެންނެވީ ފ.އަތޮޅަށެވެ. ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅުގައި ފ.ބިލެތްދުއަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށް ރަށުގެ ގިނަބަޔަކުވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
ބިލެތްދުއަކީ މިދަތުރުފުޅުގެ ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވި ހަވަނަ ރަށެވެ.
ބިލެތްދުއަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގެ ތެރެއިން ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
މިދަތުރުފުޅުގެ ތެރޭގައި ހިމަނައިގެން އެރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތައް ފެށުމަށްވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ބިލެތްދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފެށުމާއި، އެރަށުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވުމާއި، ބިލެތްދޫ ހެލްތު ސެންޓަރުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވުމާއި، ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢު ފެށުން ހިމެނެއެވެ. މީގެ އިތުރުން ބިލެތްދޫގައި އަލަށް އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުންވެސް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާއި ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.