ރައްޔިތުންގެ ޚިޔާލާއެކު ކައުންސިލުން ހުށައެޅުމުން، ވ.ފުލިދޫއިން 12 ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ފެލިދެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ.ފުލިދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ވ.ފުލިދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ އަހަރު ކުރީކޮޅު ފުލިދޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވާނެކަމަށެވެ. ރައީސް ވިދާޅުވީ ފުލިދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައިވާކަމަށާއި، އެ ވަޢުދުތައް ފުއްދެވުމަށް ފުރިހަމައަށް ސަމާލުކަން ދެއްވާނެކަމަށެވެ. އަދި އެމަނިކުފާނު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފެއްޓެވި ބަނދަރާއި ސިއްޙީ މަރުކަޒުގެ އާ އިމާރާތާއި އޭޓީއެމްގެ މަސައްކަތާ ވޮލިކޯޓުގެ މަސައްކަތަކީ ރަށުގެ ރައްޔިތުން އެދުނު މަސައްކަތްތަކެއްކަމަށާއި، މިއީ ފަރުދީ ތަރައްޤީއާއި ރަށުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުއެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުލިދޫއަކީ ގެސްޓްހައުސް ވިޔަފާރި ފުޅާވަމުން އަންނަ ރަށެއްނަމަވެސް، ފުލިދުއަކީ ބިން ކުޑަ ރަށަކަށްވުމާއެކު، އެންމެ މުހިންމު ކަމެއްގޮތުގައި ރަށުގެ ބިން ހިއްކިގެން ދިއުމަކީ ރަށުގެ ރައްޔިތުން އެންމެ ބޮޑު އެދުންކަމަށެވެ.
ރައީސް ވިދާޅުވީ ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ބިމުގެ މައްސަލަ ޙައްލުކޮށްދިނުމަށް، ރަށުގެ ބަނދަރު މަސައްކަތާއި ގުޅިގެންދާގޮތަށް 12 ހެކްޓަރުގެ ބިން ހިއްކާދެއްވާނެކަމަށެވެ. ނަމަވެސް އެ މަޝްރޫޢު ފައްޓަވާނީ ރަށުގެ ރައްޔިތުންގެ ޚިޔާލު ލިޔެކިޔުމުން ކައުންސިލަށް ހުށައަޅުއްވައިދެއްވުމުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އުއްމީދުކުރަނީ ބިން ހިއްކުމަށް ރައްޔިތުންގެ ރުހުން އޮތްކަމުގެ ލިޔުން ވަރަށް އަވަހަށް އަޅުގަނޑަށް ލިބޭނެކަން. އިނގޭ ލޯކަލް ޓުއަރިޒަމް ރަށެއްގައި ގޮނޑުދޮށުގެ މުހިންމުކަން. އެހެންވީމަ އެކަންކަން ރައްޔިތުން މަޝްވަރާކޮށް، މިއަހަރު ނިމި އަންނަ އަހަރު ކުރީކޮޅު ޢަމަލީ މަސައްކަތް ފަށަން ބޭނުން. އެހެންވީމަ ލިޔެކިޔުމުން އެކަން އަންގައިދޭން ބޭނުންވޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުލިދޫފަދަ ލޯކަލް ޓުއަރިޒަމް ފުޅާވަމުން އަންނަ ރަށްތަކަކީ ބޮޑު އަދަދަކަށް ޓެކްސް ދައްކަމުންދާ ރަށްތަކެއްކަމަށެވެ. އަދި އިޤްތިޞާދު ފުޅާކުރުމަށް ރަށުގައި ފަތުރުވެރިކަމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ރަށަކަށްވުމާއެކު، ފުލިދޫގައި އަންނަ އަހަރު ކުރީކޮޅު ޑޮލަރު އޭޓިއެމްގެ ޚިދުމަތްވެސް ފައްޓަވާނޭކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ރަށުގައި ވޮލީކޯޓުގެ މަސައްކަތާއެކު ރަށުގައި ފުޓްސެލް ދަނޑެއްވެސް އަޅައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ފުލިދޫއަކީ 500އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މި ރަށުގައި މިހާރުވެސް 26 ގެސްޓްހައުސް ހިންގަމުންއާދެއެވެ.