މިހާރު ޢަމަލުކުރަން ފަށާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ރެގިއުލޭޝަންގެ ޤާނޫނުގެ އެންމެ މުހިންމު އެއް މަޤުޞަދަކީ ސައްޙަނޫން ޚަބަރާއި މަޢުލޫމާތުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމެވެ. ފަރުދުންގެ ކަރާމާތާއި އަބުރު ރައްކާތެރިކުރުމެވެ. ފަތުރާ ޚަބަރުތަކަކީ ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ނުވާނެހެން އިސްލާމީ ތަރަހައިގެ ތެރެއިން ފަތުރާ ޚަބަރުތަކެއްކަން ކަށަވަރުކުރުމަކީވެސް މި ޤާނޫނުގެ މުހިންމު މަޤުޞަދެކެވެ.
ޤާނޫނުގެ މާއްދާތަކާއި، އެމާއްދާތަކުގެ ދަށުން ހުރި އަކުރުތައް އަތުރާލާފައިވަނީ އެ މަޤުޞަދުތައް ޙާސިލުކުރުމަށެވެ. މި ޤާނޫނާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފެދޭނެއެވެ. އަދި އެ މުއައްސަސާއިން ނަގަހައްޓަންޖެހޭ އަސާސީ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އުސޫލުތަކުގެ ތެރޭގައި ޒިންމާދާރު، ނޫސްވެރިކަމެއް ރާއްޖޭގައި ޤާއިމުކުރުމަށް ބޭނުންވާ ކަންކަން ހިމަނުއްވާފައިވެއެވެ. އެގޮތުން ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވާ މީޑިއާ ރާއްޖޭގައި ޤާއިމުކުރުމާއި ވަކި ސިޔާސީ ފިކުރެއްގެ މައްޗަށް ބުރަވުމެއް ނެތި، އެއްވެސް މާލީ ބާރެއް ނުވަތަ ހައިސިއްޔަތެއް ލިބިފައިވާ ފަރާތެއްގެ މަޞްލަޙަތެއް ޙިމާޔަތްކުރުމާއި އިސްކުރުމެއް ނެތި، ބްރޯޑްކާސްޓް މީޑިއާ ހިމެނޭނެހެން، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ޒިންމާދާރުކަން އިތުރުކޮށް ހިންގައި ބަލަހައްޓާނެ މިނިވަން އިދާރީ ނިޒާމެއް ކޮމިޝަނުން ޤާއިމުކުރަންޖެހޭނެއެވެ.
މި ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މި ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ސުލޫކީ މިންގަނޑުތަކާއި ޤާނޫނުގައި ބަޔާންކުރާ އުސޫލުތަކާ ޚިލާފަށް ޢަމަލުކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރަންޖެހޭނެއެވެ. އަދި އެކަންކަން ބަލައި، ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކުން ޚިލާފުވި ޚިލާފުވުން ބަލައި ފިޔަވަޅު އެޅުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.
ހަމައެއާއެކު ދޮގު ޚަބަރު ފަތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ކަމާބެހޭ ފަރާތްތަކަށާއި އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެންގުމަކީވެސް ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ. އަދި އިސްލާމްދީނާ ޚިލާފު ވާހަކަތައް ފެތުރުމާއި އަޚުލާޤީ ގޮތުން ދަށު ދަރަޖައިގެ ވާހަކަތަކާއި ފާޙިޝް ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތައް ފެތުރުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވެސް ކޮމިޝަނުންކުރަންވާނެއެވެ. މި މަސްއޫލިއްޔަތުތައް ކަނޑައަޅާފައިވަނީ ދޮގު ޚަބަރާއި މަޢުލޫމާތުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމާއި ޢާންމު އިޖުތިމާޢީ އަދަބުތައް ހިފެހެއްޓުމުގެ ބޭނުމުގައެވެ.
މީގެ އިތުރުން އަލަށް އުފެދޭ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ މަޝްވަރާގެ މަތިން އެ ފަރާތްތައް ޢަމަލުކުރުމަށް ސުލޫކީ މިންގަނޑެއް އެކުލަވާލަންޖެހެއެވެ. މި މިންގަނޑު ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި އެކުލަވާލައި، ކޮމިޝަނުން ޝާއިޢުކުރަން ޤާނޫނުން ލާޒިމުކުރެއެވެ.
• އިސްލާމްދީނާއި ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުން
• ޤައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުން
• އިޖުތިމާޢީ އަޚުލާޤާއި ޢާންމު ނިޒާމު ހިފެހެއްޓުން
• މީހުންގެ އަބުރުވެރިކަމާއި ޒާތީ ދިރިއުޅުން ރައްކާތެރިކުރުން
• އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުން
• ތެދު މަޢުލޫމާތު ހާމަކުރުމާއި އިންޞާފުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ޚަބަރާއި މަޢުލޫމާތު ގެނެސްދިނުން
• ޢާންމު މަޞްލަޙަތު ހިމެނޭ ކަންކަމުގައި ތަފާތު ވިސްނުންތަކާއި ފިކުރުތަކަށް ޤާނޫނުތައް ހުއްދަކުރާ ގޮތުގެމަތިން ޖާގަ ދިނުން
• މުޖުތަމަޢުގައި އަޅާލުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި އެ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ޚާއްޞަ ރައްކާތެރިކަމާއި ސަމާލުކަމެއް ދިނުން
• ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުޑަކުދިންގެ ޙައްޤުތަކަށް ގެއްލުންވާނެފަދަ ޚަބަރާއި މަޢުލޫމާތު ނުފެތުރުން
ސުލޫކީ މިންގަނޑުތައް ކަނޑައަޅާފައިވާއިރު، މި މިންގަނޑުތަކާ ޚިލާފުވެއްޖެނަމަ އެޅޭނެ ފިޔަވަޅުތަކާއި މައްސަލަ ހުށައެޅުމާއި ބެލޭ ގޮތްތައް ވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ކަމަކާ އެއްވެސް ފަރާތަކުން ޚިލާފުވެއްޖެނަމަ، ކޮންމެ ފަރާތަކަށްވެސް އެކަމާ ގުޅިގެން ކޮމިޝަނަށް ޝަކުވާ ހުށައެޅޭއިރު، އަމިއްލައަށް އިސްނަގައިގެންވެސް ކޮމިޝަނަށް މައްސަލަ ބެލިދާނެއެވެ. އަދި އެޅޭ ފިޔަވަޅުތަކުގެ ގޮތުގައި ޖޫރިމަނާތަކެއް ކަނޑައަޅާފައިވެއެވެ.
މި ޤާނޫނުގައި ހިމަނާފައިވާ ކޮންމެ ކަމަކީވެސް ދިވެހިންގެ އިޖުތިމާޢީ ފޭރާން ވަރުގަދަކޮށް، ތެދު ޚަބަރު ފެތުރުމަށް ބާރު އަޅައި ކޮންމެ މީހެއްގެވެސް ޙައްޤުތައް ހިމާޔަތްކުރުމަށް ކޮންމެހެން ބޭނުންތެރި ކަންކަމެވެ.