ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމާބެހޭ ޤާނޫނުގެ ދަށުން ދައުލަތަށް ނެގޭ މުދަލާ މެދު ޢަމަލުކުރާނެ ގޮތް ކަނޑައަޅަން ކޮމިޓީއެއް އެކުލަވާލަންޖެހޭ ގޮތަށް ގަވާއިދެއް އެކުލަވާލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގައި ފުލުހުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ޢާންމުކޮށް ޝާއިޢުކޮށްފައެވެ.
މި ގަވާއިދުގެ މަޤުޞަދަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު ތަންފީޒުކުރުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޢަމަލުކުރާނެ އުސޫލުތައް
އެކަށައެޅުމެވެ.
މި ގަވާއިދުގައިވާ ގޮތުން ގޭންގު ކުށްތަކާ ބެހޭ ޤާނޫނުގައި ކުށެއްކަމުގައި ކަނޑައަޅާފައިވާ ކުށެއް ކުރުމަށްޓަކައި ރާއްޖެއަށް އެތެރެކުރާ ނުވަތަ ރާއްޖޭގެ ސަރަހައްދުގައި އެއްތަނުން އަނެއްތަނަށް ގެންދާ ނުވަތަ ރާއްޖެ މެދުވެރިކޮށް ޓްރާންސިޓްކުރާ ނުވަތަ ރާއްޖެއިން ބޭރުކުރާ ޤާނޫނާ ޚިލާފު އެއްޗެއްގެ ކޮންޓްރޯލްޑް ޑެލިވަރ ހިންގުމުގެ އިޚުތިޔާރު ފުލުހުންނަށް ލިބެއެވެ. ކޮންޓްރޯލްޑް ޑެލިވަރއަކީ ފުލުހުން މޮނިޓަރކޮށް ސުޕަވައިޒްކުރާ އޮޕަރޭޝަނެއްގެ ތެރެއިން، ހުއްދަކޮށްފައިވާ ފުލުހުންގެ އޮފިސަރުން، ޤާނޫނާ ޚިލާފު އެއްޗެއް ގެންދެވޭ މަންޒިލަށް ރައްދުވިޔަދިނުމެވެ.
ނަމަވެސް މިކަން ކުރެވޭނީ ޤާނޫނުގައި ބަޔާންކުރާ ވަކި ކަންތައްތަކެއް ޙާސިލުކުރުމަށެވެ. އެއީ އެ އެއްޗެއް ރާއްޖެ އެތެރެކުރީ ކޮން ބަޔަކުކަން ދެނެގަތުމަށާއި އެ އެއްޗެއް ރާއްޖެ އެތެރެކުރަނީ ކޮން ބައެއް ގުޅިގެންކަން ދެނެގަތުމަށެވެ. އަދި އެ އެއްޗެއް ރާއްޖެ އެތެރެކުރީ ނުވަތަ ރާއްޖެއިން ގެންދަނީ ކޮންބަޔަކު އެއިން ވިޔަފާރިކުރުމަށްޓަކައިކަން ދެނެގަތުމަށާއި އެތެރެކުރި ނުވަތަ ގެންދެވޭ އެއްޗެއް ޓްރެފިކްކުރުމުގައި ނުވަތަ ޤާނޫނާ ޚިލާފަށް ބޭނުންކުރުމުގައި ހިމެނެނީ ކޮންބައެއްކަން ދެނެގަތުމަށްވެސް ކޮންޓްރޯލްޑް ޑެލިވަރީއެއް ހިންގިދާނެއެވެ.
މި ގަވާއިދުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގުރޫޕުތަކާއި އެ ގުރޫޕުތަކުންކުރާ ކުށްތައް ހުއްޓުވައި އެކަން ކުރާ ބަޔަކު ހޯދުމަށް ކުރެވޭ މަސައްކަތުގައި ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ ސީޕީ ކަނޑައަޅާ ފުލުހުންގެ އޮފިސަރެއްގެ ހުއްދަ އޮވެގެން ފުލުހުންގެ އޮފިސަރަކު، އެއީ ކާކުކަން ނޭނގޭ ގޮތަށް ކުށްކުރާ ގުރޫޕަކާ ނުވަތަ އެފަދަ ގުރޫޕެއްގެ މެންބަރުންނާ ގުޅި، އެ މީހުންގެ އަތުން ޤާނޫނާ ޚިލާފު ތަކެތި ހޯދުމަށް ނުވަތަ ގަތުމަށް ހުށަހެޅިދާނެއެވެ.
މީގެ އިތުރުން މި ގަވާއިދުގައި ނުޙައްގުން މުއްސަނދިކަން މީހަކު ހޯދައިފިކަން ސާބިތުވެއްޖެނަމަ، އޭނާގެ މުދާ ދައުލަަތަށް ނެގުމުން ޢަމަލުކުރަންޖެހޭ ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ. އެ ގޮތުން މި މުދަލާ މެދު ޢަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ އެ ކަމަށް އެކުލަވާލާ ޚާއްޞަ ކޮމިޓީއަކުންނެވެ. މި ކޮމިޓީގައި ހިމެނޭނީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއާއި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ މެންބަރުންނެވެ.
މި ގަވާއިދުގެ ދަށުން ހިފަހައްޓާފައިވާ މުދަލާއި ފައިސާއިން ކުރާނީ ކޮން ބޭނުމެއްކަން ކަނޑައަޅައިދިނުމަށް ކޮމިޓީއަށް ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި އެ މުދަލަކާމެދު ޢަމަލުކުރާނެ ގޮތެއް ކޮމިޓީން ނިންމަންޖެހޭނެއެވެ.
މިގޮތަށް ނެގޭ މުދަލާމެދު ޢަމަލުކުރެވިދާނެ ގޮތްތަކެއް ވެސް ކަނޑައަޅާފައިވެއެވެ. އެއީ އެ މުދަލެއް ވިއްކާލުމާއި ކުއްޔަށްދިނުމާއި ދައުލަތުން ބޭނުންކުރުމާއި ނައްތާލުމުގެ އިތުރުން އިންސްޓޯލްމަންޓަށް ފައިސާދައްކައި ނިމިފައިނުވާ މުދަލެއްނަމަ އިންސްޓޯލްމަންޓަށް ދިން ކުންފުންޏާއެކު އެއްބަސްވެވޭ ގޮތަކަށް ޢަމަލުކުރުމެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް ޢަމަލުކުރަން ފެށީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މި ޤާނޫނަކީ އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އެފަދަ ކުށްކުށަށް އަދަބު ކަނޑައެޅުމާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް ޚާއްސަ ބާރެއް ދިނުމުގެ ގޮތުން އެކުލަވާލާފައިވާ ޤާނޫނެކެވެ. އަދި އެފަދަ ކުށްތަކުގައި އުޅޭ މީހުން ކުށުގެ ވެށިން ދުރުކޮށް، މުޖުތަމަޢަށް ރުޖޫޢަވުމަށް ފިޔަވަޅުތައް އެޅުމާއި އެފަދަ ފަރާތްތައް އުޅޭ ނޫޅޭގޮތް މޮނިޓަރކޮށް ފިޔަވަޅުއެޅުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައެޅުމަކީވެސް މި ޤާނޫނުގެ މަޤްޞަދެކެވެ.