ޚަބަރު

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރަން އުޅުނު ބިދޭސީއަކު ގިނަ އަދަދެއްގެ ފައިސާއާއެކު ހައްޔަރުކޮށްފި


  • މީހާ ހައްޔަރުކުރީ އެއަރޕޯޓުން

  • ޑޮލަރާއި ރުފިޔާ ހޯދަފައިވޭ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރަން އުޅުނު ބިދޭސީއަކު ގިނަ އަދަދެއްގެ ފައިސާއާއެކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިސެޕްޓެންބަރު މަހުގެ 16 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރިސޯޓް ކައުންޓަރުތައް ކައިރީގައި ގަވާއިދާ ޚިލާފަށް ބޭރުފައިސާ މާރުކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ރަފިޤުލް އިސްލާމްއެވެ. ފުލުހުން ވިދާޅުވީ މި މީހާ ރާއްޖޭގައި އުޅެމުން ދިޔައީ ޤަވާއިދާ ޚިލާފަށްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށެވެ.

ޓޫރިސްޓު ޕޮލިހުން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު 68،000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 1700 އަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ އިތުރުން އެކި ގައުމުތަކުގެ ފައިސާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.