ޚަބަރު

އެމްބާޕޭގެ ދެ ލަނޑުން ރެއާލް މެޑްރިޑް މޮޅުވެއްޖެ


ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ އޮލިމްޕިކް މާސޭ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ތިންވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑް އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާގެ ބަދަލުގައި ޑެނީ ކަރްވަހާލް ވަނީ ކުޅެން އަރުވާފަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 22 ވަނަ މިނިޓުގައި މާސޭގެ ޓިމޮތީ ވެއާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ ރެއާލް މެޑްރިޑްގެ އާޑާ ގުލާ އަތުން ބޯޅަ ހޯދުމަށްފަހު މޭސަން ގްރީންވުޑް ދިން ބޯޅަ ކީޕަރު ކޯޓުއާ ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ވެއާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ނަމަވެސް އޭގެ ހަ މިނިޓު ފަހުން ރެއާލް މެޑްރިޑްގެ ރޮޑްރިގޯ އަށް އޭރިޔާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ކިލިއަން އެމްބާޕޭ ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގައި މާސޭގެ ގޯލުކީޕަރަށް ހަމަލާ ދިނުމާއި ގުޅިގެން ރެއާލް މެޑްރިޑްގެ ޑެނީ ކަރްވަހާލް އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެން މެޗުގެ ފަހު 18 މިނިޓު އެ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ޗެމްޕިއަންސް ލީގު 15 ފަހަރު މަތިން ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑް މި މެޗުން މޮޅުވެފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ލިބުނު ދެވަނަ ޕެނަލްޓީ އިން ކިލިއަން އެމްބާޕޭ އެވެ. މި ޕެނަލްޓީ އަކީ ވިނިޝިއަސް ޖޫނިއަރ ނަގައިދިން ހުރަހެއްގައި އޭރިޔާ ތެރޭގައި ހުރެ މާސޭގެ ފަކުންޑޯ މެޑީނާ ބޯޅައިގައި އަތްލުމުގެ ސަބަބުން ރެފްރީ ދީފައިވާ ޕެނަލްޓީ އެކެވެ.

މި މެޗުގައި އެމްބާޕޭ ޖެހި ދެ ލަނޑާއެކު މި ސީޒަނުގައި އޭނާ ކުޅުނު ފަސް މެޗުގައި ޖެހި ލަނޑުގެ އަދަދު ވަނީ ހަޔަކަށް އަރާފަ އެވެ.