ކްލަބް މޯލްޑިވްސް 18/30 ކްލެސިކް މުބާރާތުގެ ޗެމްޕިއަންކަން ޕްރިޒަން ކުލަބުން ހޯދައިފިއެވެ. ޕްރިޒަން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް ބަލިކޮށްގެންނެވެ.
ޕްރިޒަންއިން ފައިނަލް މެޗު ކާމިޔާބުކުރީ 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑު މެޗު ނިމެން 6 މިނެޓަށް ވެފައިވަނިކޮށް ޕްރިޒަންއަށް ކާމިޔާބުކޮށްދިނީ އައިޝަތު ލަމްސްއެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޕްރިޒަންގެ އައިމިނަތު ފަޒްލާއެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމް ޖުމްލަ 14 ލަނޑާއެކު ހޯދީ އެމް.އޭ.ސީ.އެލްގެ ކެޕްޓަން އާޒިޔާއެވެ.
ފެއަރ ޕްލޭ ކުޅުންތެރިއާގެ މަގާމް ހޯދީ ސްޓެލްކޯގެ ހަލީމަތު ހަސްނާއެވެ. އަދި ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ހެލްތު އެންޑް ރެކްރިއޭޝަން ކްލަބެވެ.
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން ނުވަތަ ކްލެސިކް ފައިވްގެ ތެރޭގައި ހިމެނުނީ ޕްރިޒަންގެ އައިމިނަތު ފަޒްލާ އާއި އައިޝަތު ޝަރުމާ، އެމްއޭސީއެލްގެ އާޒިނާ އަބްދުލް މަތީން އާއި ފިރުޝާނާ ނަސީރު އަދި ސްޓެލްކޯގެ މަރިޔަމް ވިޝާޔާ ވިލްދާނެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީވެސް ޕްރިޒަންގެ އައިމިނަތު ފަޒްލާއެވެ.