ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމްގެ ނައިބު ރައީސްކަމަށް، މ.ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
މުޙައްމަދު ޝަފީޤް މަޙްމޫދު އެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ.
އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މޫމިިނާ ވަހީދުގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.
އެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި މުޙައްމަދު ޝަފީޤް މަޙްމޫދުގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވުމުން މިމައްސަލަ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން ދިރާސާ ކުރެއްވުމަށްފަހު އެ ކޮމިޓީން ވަނީ މުޙައްމަދު ޝަފީގް މަހުމޫދަކީ މަގާމުގެ ޝަރުތު ހަމަވާ ބޭފުޅެއް ކަމަށް ފާސްކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިކަމަށްޓަކއި ނެގި ވޯޓުގައި އެ މަގާމަށް ޝަފީގް އައްޔަން ކުރެއްވުމަށް ފާސްކޮށްފައިވަނީ 67 މެންބަރުންގެ ވޯޓުންނެވެ.