ނޭޕާލްގައި މީސްމީޑިޔާގެ ބައެއް މަންސަތައް މަނާކުރުމާ ގުޅިގެން އެ ޤައުމުނެ ޒުވާނުން މިދިޔަ ހަފްތާގެ ތެރޭގައި ކުރި މުޒާހަރާތަކުަގައި މަރުވި މީހުންގެ ޢަދަދު 72އަކަށް އިތުރުވެއްޖެއެވެ.
ނޭޕާލްގައި ކޮރަޕްޝަނާ ދެކޮޅަށް ކުރި މުޒާހަރާތައް ހޫނުވެ، ގިނަ ޢަދަދެއްގެ މީހުން މަރުވާން ފެށުމުން އޭރު ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ކޭޕީ އޯލީ ޝަރްމާ ވަނީ މަޤާމުން އިސްތިޢުފާ ދެއްވައިފައެވެ. މުޒާހަރާތައް ރޫޅައިލުމަށް ސަލާމަތީ ބާރުތަކުން ވަނީ ކަރުނަ ގޭހާއި ރަބަރު އުންޑަ ބޭނުންކޮށްފައެވެ.
ނޭޕާލުން މީގެ ކުރިން ބުނެފައި ވަނީ މުޒާހަރާތަކުގައި މަރުވެފައި ވަނީ 51 މީހުން ކަމަށެވެ. ނަމަވެސް މަރުވި މީހުންގެ ޢަދަދަށް ބަދަލު އަންނަމުން ދަނީ އެ ހަމަނުޖެހުންތަކުގައި ހުޅުޖަހާފައިވާ ސަރުކާރުގެ އޮފިސްތަކާއި ގޭގެއާއި މޯލްތަކާއި އެހެން އިމާރާތްތަކުގެ ތެރެއިން ހަށިތައް ފެންނަމުން ދާތީ ކަމަށް އެ ޤައުމުގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. މުޒާހަރާގެ ސަބަބުން ޒަޚަމްވި މީހުންގެ ޢަދަދު 2،113 އަށް އަރައެވެ.
ނޭޕާލްގެ ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު، ސުޝިލާ ކަރްކީ މިހާރު ވަނީ އެ ޤައުމުގެ އިންތިޤާލީ ބޮޑުވަޒީރުގެ މަޤާމަށް އިސްކޮށްފައެވެ. އޭނާ ވެފައި މި ވަނީ ނޭޕާލްގައި ވެރިކަންކުރައްވާ ފުރަތަމަ އަންހެން ބޭފުޅާއަށެވެ. އޭނާއަށް ޙަވާލުކޮށްފައިވާ އެންމެ ބޮޑު މަސްޢޫލިއްޔަތަކީ ކުރިއަށް އޮތް އަހަރުގެ މާރިޗު މަހުގެ 5ވަނަ ދުވަހުގެ ކުރިން ނޭޕާލްގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ބޭއްވުމެވެ.
އިންތިޤާލީ ބޮޑުވަޒީރުގެ މަޤާމާ ރަސްމީކޮށް ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހު ޙަވާލުވެވަޑައިގެންނެވި ކަރްކީ ވަނީ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ޢާއިލާތަކަށް އެއް މިލިޔަން ރުޕީސް ނުވަތަ 7،100 އެމެރިކާ ޑޮލަރު ބަދަލުގެ ގޮތުގައި ދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ހަމަނުޖެހުންތަކުގައި އަނިޔާވި މީހުންނަށް ސަރުކާރުގެ ފަރާތުން ހިލޭ ބޭސްފަރުވާ ކޮށްދޭނެ ކަމަށް ވެސް ވިދާޅިވެފައިވެއެވެ. ކުރިއަށް އޮތް މަސައްކަތަކީ ސުންނާފަތިވެފައިވާ އިމާރާތްތައް އަލުން ބިނާކުރުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.