މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރަސީ ދުވަހެވެ. ޒަމާނާއި، ވަގުތާއި، ހާލަތަށް ބަލާއިރު މިއަދު ދުނިޔޭގެ އެކި ޤައުމުތަކަށް ޑިމޮކްރަސީއާއެކު އައިސްފައިވާ ބޮޑެތި ކުރިއެރުންތައް ދަނީ ފެންނަމުންނެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގައި ރައްޔިތުން ބަލައިގަންނަ ނިޒާމަކަށް ޑިމޮކްރަސީވަނީ ވެފައެވެ. އެއީ ރައްޔިތުންގެ ބައިވެރިވުން ޤައުމު ހިންގުމުގައި އެންމެ ބޮޑަށް ހިމެނިގެންދަނީ ޑިމޮކްރަސީގެ ތެރެއިން ކަމަށްވާތީއެވެ.
ޑިމޮކްރަސީއަކީ ރައްޔިތުން ބާރުވެރިކުރުވާ، ރައްޔިތުންގެ ކިބައިން ބާރުތައް ފެށިގެން އަންނަ ނިޒާމެކެވެ. ގިނަ ބަޔަކަށް މި ނިޒާމު ގަބޫލުކުރެވެނީވެސް މިހެންވެއެވެ. އެކި ޤައުމުތަކުގައި ޑިމޮކްރަސީގެ ނިޒާމުގައި އެކި ތަފާތުތައް ހުރެއެވެ. އެހެންނަމަވެސް ޑިމޮކްރަސީއެއްގައި ފުރިހަމަވާންޖެހޭ އަސާސްތަކެއް ހުރެއެވެ. އޭގެ ތެރޭގައި ޤާނޫނުތައް ހަމަހަމަކަމާއެކު އެންމެންނަށް ހިންގުމާއި މިނިވަން އިންސާފުވެރި، އެންމެން ބައިވެރިވާ، އިތުބާރުކުރެވޭ އިންތިޚާބުތައް ބޭއްވުން އަދި ނަޒާހަތްތެރިކަމާއެކު ދައުލަތް ހިންގުމާއި މަޤާމުތަކުގައި ތިއްބަވާ ހުރިހާ ބޭފުޅުން ޖަވާބުދާރީ ކުރުވުން ހިމެނެއެވެ.
1932ގައި ދިވެހިން ބަލައިގަތް ފުރަތަމަ ޤާނޫނުއަސާސީއާއެކު ރައްޔިތުންނަށް ބައެއް ޙައްގުތައް ލިބިގެންދިޔައެވެ. އެގޮތުން ފުރިހަމަ ޑިމޮކްރަސީއެއްގައި ރައްޔިތުންނަށް ލިބިގެންވާ ޙައްގުތައް ކަމަށްވާ، އެއްވެއުޅުމުގެ މިނިވަންކަމާއި، ކޮންމެ ރައްޔިތަކީ ޢަރަބި، ތާނަ ލިޔަންކިޔަން ދަންނަ މީހަކަށްވުމާއި، ޝަރުއީ ހުކުމެއްގައި ނޫންގޮތަކަށް އެއްވެސް މީހެއް ހައްޔަރުކޮށްގެން ނުވާނެކަމަށް އެޤާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މާގިނަދުވަސްތަކެއް ނުވަނީސް އެ ޙައްގުތައް ރައްޔިތުންނަށް ކަށަވަރު ނުވެ، އެ ޤާނޫނު އަސާސީ އުވާލެވުނެވެ.
މިހާރު ރާއްޖޭގައި އަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީ ވުޖޫދަށް އައުމުގެ ކުރިން އޮތް ނޫ ޤާނޫނު އަސާސީގައިވެސް "ޑިމޮކްރެޓިކް" ވަރަށް ގިނަ ސިފަތަކެއް ހިމަނާފައިވެއެވެ. އެހެންނަމަވެސް ވެރިކަމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ކޯޓުތަކަށް ނުފޫޒު ނުފޯރުވޭގޮތަށް މިނިވަންކަމާއެކުއެކުގައި މަސައްކަތް ކުރެވޭނެ ގޮތަށް ތަންފީޒުވެ، ރާއްޖެ މިއަދު މިދެކޭ ޑިމޮކްރެޓިކް ނިޒާމެއް އައީ 2008ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ޤާނޫނު އަސާސީއާއެކުގައެވެ.
ޑިމޮކްރަސީއަށް ރާއްޖެ މިއަދު ކުރަމުންދާ ދަތުރުގައި ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. ވެރިކަމުގެ ނިޒާމާއި، ޤާނޫނު ހެދުމުގެ ނިޒާމާއި، ޝަރުއީ ނިޒާމަކީ މުޅިން ވަކި 3 ނިޒާމަކަށް ވަނީ ބަދަކޮށްފައެވެ. މިނިވަންކަމާއި ހަމަހަމަކާއި އިންސާފު ޤާއިމްކުރެވޭނެ ދޮރުތައް ވަނީ ހުޅުވިފައެވެ.
ޒަމާނީ ޑިމޮކްރަސީއަކީ ރައްޔިތުންގެ ބާރުކަމަށްވާއިރު، ރާއްޖޭގައި ދައުލަތުގެ އެންމެ އިސް 2 ބާރަކީ މިއަދު ރައްޔިތުން އިންތިޚާބުކުރާ ރައްޔިތުންގެ މަންދޫބުން ތިއްބަވާ ދެބާރެވެ. އެއީ ވެރިކަމުގެ ބާރާއި ޤާނޫނު ހަދާ މަޖިލީހުގެ ބާރެވެ. ރައްޔިތުންނަށް އެރައްޔިތުންގެ ކަންކަން ނިންމުމަށާއި ޤައުމުގެ ކުރިއެރުމަށް މަސައްކަތް ކުރައްވާނެ ވެރިޔަކު އިންތިޚާބު ކުރުމުގެ ފުރިހަމަ ބާރު ރައްޔިތުންނަށް ލިބެއެވެ. ޤާނޫނުތައް ހެދުމުގައި އެ ރައްޔިތެއްގެ އަޑު އިއްވާނެ ޚާދިމެއްގެ ގޮތުގައި މަޖިލިސް މެންބަރުން އިންތިޚާބު ކުރުމުގެ ބާރުވެސް ރައްޔިތުންނަށް ލިބެއެވެ. މި އިންތިޚާބުތަކަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން އިންތިޚާބުތަކެއްކަން މިއަދު ކޮންމެ ދިވެހި ރައްޔިތަކުވެސް ޤަބޫލުކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ ނިޒާމު ކުރިއަރާފައިވާ ކަމުގެ އަލިގަދަ ހެއްކެކެވެ.
ފާއިތުވެދިޔަ 17 އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހިން ޑިމޮކްރަސީއަށް ކުރި ދަތުރުގައި ގިނަ ކަންތައްތަކެއް ވަނީ ހާސިލްކޮށްފައެވެ. ނަމަވެސް މިއަދު ދުނިޔެ އޮތް ހާލަތުން ޑިމޮކްރަސީގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައި ވަނީ އެކަކު އަނެކެއްގެ ހައްގުތައް ރައްކާތެރިކޮށް އެކަކު އަނެކަކަށް އިހުތިރާމްކޮށް، ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. ޒިންމާދާރު ކަމާއި މިނިވަންކަމާއިއެކު ނޫސްވެރިންގެ ޒިންމާ އަދާކޮށް ރައްޔިތުންނަށް ސައްޚަ ތެދު މައުލޫމާތު ދިނުމަކީ ޑިމޮކްރަސީގެ ހަމަތަކުން މިއަދު ކޮންމެހެންވެސް ކުރަންޖެހިފައިވާ މުހިންމު މަސައްކަތެކެވެ. މީޑިއާގެ މިނިވަންކަން ތަންމިނަށް ހުޅުވާލެވިފައި އޮތުމަކީ އޭގެ ސަބަބުން މުޖުތަމައަށް އޭގެ ނުރަނގަޅު އަސަރުކުރާނޭ ގޮތަކަށް މައުލޫމާތު ފެތުރުމަށް އޮތް ފުރުޞަތެއްވެސް ނޫނެވެ.
ޑިމޮކްރަސީގެ ބާރުތަކުގެ ތެރެއިން އެއްވެ އުޅުމާއި، ޙިޔާލުފާޅުކޮށް ޖަވާބުދާރީ ކުރުމަކީ ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު އެއްބާރެވެ. ނަމަވެސް އާންމު ރައްކާތެރިކަމާއި، މުޅި މުޖުތަމައުގެ ސަލާމަތްތެރިކަން ނަގާލެގޮތަށް އެކަން ކުރުމަކީ ޑިމޮކްރަސީ ދަންނަ ކަމެއްނޫންނެވެ. ޑިމޮކްރަސީ އަކީ އަނެކާއަށްވެސް އިހުތިރާމްކޮށް، މުޅި މުޖުތަމައުގެ ހެވާއި ލާބައަށް ކުރެވޭ މަސައްކަތަކުން ފައްކާ ކުރެވޭނެ ނިޒާމެކެވެ.
ޑިމޮކްރަސީގެ ވެރިކަމުގެ ނިޒާމަށް ރާއްޖޭގައި އަމަލުކުރި ނަމަވެސް އަދިވެސް މި ނިޒާމު އިތުރަށް ފައްކާ ކުރުމަށް ކުރަންޖެހޭ ކަންކަން އެބަހުއްޓެވެ. ސިޔާސީ ޕާޓީތައް އެއް މޭޒަކަށް އެއްވެ މަޝްވަރާ ކުރުމާއި ރައްޔިތުން ހޭލުންތެރިކޮށް، ހިކުމަތްތެރިކަމާއެކު މަސައްކަތް ކުރުމަކީ މި ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު މިހާރަށްވުރެ ބޮޑުވެގެންދާނެ ކަމެކެވެ. މި ނިޒާމު ފައްކާކުރުމަށްޓަކައި ކޮންމެ މީހަކުވެސް އަދި ސިޔާސީ ޕާޓީތަކުންވެސް ޚިޔާލުތަފާތުތަކާއެކުގައިވެސް ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ.