"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ބޯޑު މެމްބަރުން އައްޔަނުކުރައްވައިފިއެވެ.
"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ބޯޑު މެމްބަރުން އައްޔަންކުރެއްވިކަން ހާމަކުރައްވައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ އެކުންފުނީގެ ބޯޑު މެންބަރުކަމުގެ މަގާމަށް 3 ބޭފުޅަކުން އައްޔަންކުރައްވާފައިވާކަމަށެވެ.
ފާމަސޫޓިކަލް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ޑރ. ޝާހް މާހިރުއެވެ. އަދި ބޯޑު މެންބަރުންގެ ގޮތުގައި އައްޔަން ކުރައްވާފައިވަނީ އާޢިޝަތު މުޙައްމަދު އަދި ޝިބާނާ އަބްދުﷲ ދީދީއެވެ.
މެނޭޖިން ޑރެކްޓަރުކަމުގެ މަޤާމަށް އައްޔަންކުރެއްވި ޑރ. ޝާހު މާހިރު މިހާތަނަށް ހުންނެވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަޤާމުގައެވެ. އަދި އޭގެ ކުރިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާއިރު، ސިއްޙީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ވަނީ މަސައްކަތް ކުރައްވާފައެވެ.
ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވަނީ މި މަހުގެ 9ވަނަ ދުވަހުގައެވެ.
މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެކެވެ.
މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.