ބައިނަލްއަގްވާމީ މުބާރާތެއްގައި އެހެން ގައުމުތަކުގެ އެތުލީޓުންނާއި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުންނަށް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށާއި މި މަހު މެލޭޝިއާގައި އޮންނަ މުބާރާތުން ރަނގަޅު ކާމިޔާބީއެއް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޗެއާޕާސަން އިބްރާހިމް ރަމީޒު ވިދާޅުވެއްޖެއެވެ.
ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ރީޖަނަލް ބެޑްމިންޓަން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނަށް ޖޯޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަަށް ދިން ހާއްސަ އިންޓަވިއުއެއްގައި އިބްރާހިމް ރަމީޒް ވިދާޅުވީ ކަރުގައި އަޅުވާ މެޑަލްގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތަކުން މި ކުދިންނަށް ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަދި ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުން ބައިވެރިވާ މިފަދަ މުބާރާތްތަކުން އަބަދުވެސް އުންމީދު ކުރަނީ ރަނގަޅު ވަނައެއް ހޯދައިގެން އެނބުރި ރާއްޖެއަށް އައުން ކަމަށް އިބްރާހިމް ރަމީޒް ވިދާޅުވިއެވެ.
ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ރީޖަނަލް ބެޑްމިންޓަން މުބާރާތަށް އެތުލީޓުން ތައްޔާރުކުރުމުގައި ރިވައިވަލް ސްޕޯޓްސްއިން ވަަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭކަން އިބްރާހިމް ރަމީޒް ފާހަގަކުރިއެވެ.
އަދި އެތުލީޓުންގެ ބެލެނިވެރިން ވަރަށް ބޮޑަށް އެއްބާރުލުންދޭކަމަށާއި ކޯޗުންނާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޓީމުންވެސް ވަރަށް ބޮޑު އެހީތެރިކަމެއް މި މުބާރާތަށްދާ ކުދިން ތައްޔާރުކުރުމުގައި ލިބޭކަމަށް އިބްރާހިމް ރަމީޒް ފާހަގަކުރިއެވެ.
”މީގެ އިތުރަށް ބެޑްމިންޓަންގައި ނުހިމެނޭ ބެލެނިވެރިންވެސް މީގެތެރޭގައި ޝާމިލުވެ ކުދިންނަށް ކޮށްދެވޭނީ ކޮންކަންތައްތަކެއްތޯ ބަލާ އެހީތެރިކަން ފޯރުކޮށްދޭ. ޖުމްލަ ގޮތެއްގައި ބެލެނިވެރިންނާއި އަޅުގަނޑުމެންގެ ޓީމާއި ރިވައިވަލްގެ ކޯޗުން ދެއްވާ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކޮށްލަން“ އިބްރާހިމް ރަމީޒް ވިދާޅުވިއެވެ.
ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ރީޖަނަލް ބެޑްމިންޓަން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނަކީ މުޙައްމަދު ރާއިފު ޝަރީފް، މުހައްމަދު ޖުމާން އަޙްމަދު، އިބްރާހިމް ރަބީތް، އައިމިނަތު ރައިޝާ އަލީ، އަމްނާ އަހުމަދު އަބްދުالله އަދި އައިޝަތު މާނިޔާ އާދަމް އެވެ. މީގެ ތެރެއިން މާނިޔާއަކީ 2023 ވަނަ އަހަރު ބާލިންގައި ބޭއްވި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއިން ރާއްޖެއަށް ރަން މެޑަލް ހޯދައިދީފައިވާ އެތުލީޓެކެވެ. މި އެތުލީޓުންނާއެކު ޔުނިފައިޑް ޕާޓްނަރުންގެ ގޮތުގައި ބައިވެރިވަނީ މަރިޔަމް އީނާސް އިލްޔާސް އާއި މުޙައްމަދު އަލޫފް ރާފިއުއެވެ.
ރާއްޖޭގެ އެތުލީޓުންނާއެކު ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި ބައިވެރިވަނީ މޫސާ ޒަމީރެވެ. ހެޑް ކޯޗަކީ ރިޝްވާން ޝިޔާމެވެ. އަދި ކޯޗު އައިމިނަތު ޝަހުރުނާޒް މޫސާ ވެސް މި އެތުލީޓުންނާއެކު މި މުބާރާތަށް ދާނެއެވެ.
ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ރީޖަނަލް ބެޑްމިންޓަން މުބާރާތް އޮންނާނީ ސެޕްޓެމްބަރު 17-20 އަށް މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައެވެ. މި މުބާރާތަށް ރާއްޖޭގެ އެތުލީޓުން ފުރާނީ މާދަމައެވެ.
ރާއްޖޭގެ ސްޕެޝަލް އޮލިމްފިކްސް އެތުލީޓުން މީގެ ކުރިން ބައިވެރިވި ބައެއް ބައިނަލްއަގްވާމީ މުބާރާތްތަކުން ވަނީ ރާއްޖެއަށް ރަން މެޑަލް ގެނެސްދީފައެވެ.