މަތީ ސާނަވީއަށް ސަރުކާރުން ފަހިކޮށްދެމުންދާ ތަނަވަސް ފުރުޞަތާއެކު، މިއަހަރު އޭ-ލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ބޮޑުތަނުން އިތުރުވެރިފަވާކަމަށް ތަޢުލީމީ ވަޒީރު އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. 
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގަ ވަޒީރު ވިދާޅުވީ މަތީސާނަވީގެ މުހިންމުކަން ދަރިވަރުންނާއި ބެލެނިވެރިންނަށް ބުނެދީ، އެކަމަށް ސަރުކާރުން ގިނަ ފުރުޞަތަކެއް މި އަހަރު ފަހިކޮށްދީފަވާކަމަށެވެ. މިއަހަރުގެ ދިރާސީ އަހަރު މަތީ ސާނަވީއަށް ވަން ދަރިވަރުންގެ އަދަދާއެކު ފެންނަނީ، ސަރުކާރުގެ ސިޔާސަތު ހާސިލްވަމުންދާތައްކަމަށް ވަޒީރު ވިދާޅުވިއެވެ. 
ވަޒީރު ވިދާޅުވީ 2023ވަނަ އަހަރު 6700 ދަރިވަރިން އޯލެވެލް ނިންމިއިރު، އޭ ލެވެލްއަށް ކިޔަވަން ވަދެފަވަނީ 2100 ދަރިވަރުންކަމަށެވެ. ނަމަވެސް މިފަހަރު 6500 ދަރިވަރުން އޯލެވެލް ނިންމިއިރު، 3200 ދަރިވަރުން އޭލެވެލްއަށް ކިޔަވަން ފަށާފަވާކަމަށެވެ. މިއީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. 
"2023ވަނަ އަހަރު، އޯލެވެލް ނިންމާ %32ވަރަކަށް ކުރިން އޭލެވެލްއަށް ކިޔަވަން ފެށީ. ނަމަވެސް ކުދިންގެ ހޭލުންތެރިކަމާ ޝަޢުގުވެރިކަން މިކަމަށް އިތުރުވެ، އޯލެވެލް ނިންމި ކުދިންގެ %49 ވަނީ މިއަހަރު އޭލެވެލްއަށް ކިޔަވަން ފަށާފަ. މިއީ ވަރަށް އުފާކުރާ ކަމެއް." ތަޢުލީމީ ވަޒީރު އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
		
										
			ވަޒީރު ވިދާޅުވީ އިތުރު ރަށްތަކުގައި އޭލެވެލްއަށް ކިޔެވުން ފެށުމަށް ވަރަށް ގިނަ ރަށްތަކުން އެދެމުންދިޔަކަށެވެ. މީގެ ނަތީޖާއެއްގެގޮތުން މިއަހަރު މުޅިން އަލަށް ވަރަށް ގިނަ ރަށްތަކުގެ ސްކޫލްތަކުގައި ވަނީ މަތީ ސާނަވީއަށް ކިޔެވުން ފަށާފައެވެ.
"މިފަހަރު އިތުރު 13 ސްކޫލްގައި އޭލެވެލްއަށް ކިޔަވަން ވަނީ ފަށާފަ. މިހާރު ރާއްޖޭގަ އޭލެވަލްއަށް ކިޔަވަދޭ 66އެއްހާ ސްކޫލް އެބަހުރި. ކުރިން ދެކެނީ އޭލެވެލްއަކީ އެހާ މުހިންމުކަމެއް ނޫންކަމަށް. އެކަމަކު މިހާރު ވިސްނުން ބަދަލުވެއްޖެ." ވަޒީރު ވިދާޅުވިއެވެ.
 
މަތީ ސާނަވީ މުހިންމުވަނީ އެކަޑެމިކް ކިޔެވުމަށް އެކަނި ނޫންކަމަށް ވިދާޅުވެ، ވަޒީރު ވިދާޅުވީ، މިއީ ވަޒީފާގެ މާޙައުލަށް ކުދިން ތައްޔާރުކުރުމާއި މުއާމަލާތްކުރުމުގެ ހުނަރުތައް ތަރައްޤީކުރުމާއި އާއްމު ދިރިއުޅުމަށް ކުދިން ވަރަށް ބޮޑަށް ތައްޔާރުކުރާ މަރުޚަލާއެއްކަމަށެވެ. 
ސަރުކާރުން ނިންމާފަވަނީ ދެ ޕާތްވޭއަކަށް މަތީ ސާނަވީގެ މަރުޚަލާތައް ގެންދިއުމަށެވެ. އެގޮތުން އެކަޑެމިކް ޕާތްވޭގެ އިތުރުން، ވޮކޭޝަނަލް ތަޢުލީމުގެ މަރުޚަލާއެއްވެސް އޭގަ ހިމެނުމަށެވެ. މި މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ. 
ތަޢުލީމީ ވަޒީރު ވަނީ، މަތީ ސާނަވީގެ ދިރާސީ އާ އަހަރަކީ ދަރިވަރުންނަށް ކާމިޔާބު އަހަރަކަށް އެދިވަޑައިގެންފައެވެ. އަދި ދިރިއުޅުމުގައި ކާމިޔާބު ކުދިންތަކަކަށްވުމުގެ ޢަޒުމުގައި ކިޔެވުމަށް އިލްތިމާސްކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ދަރިވަރުންގެ ކިޔެވުމުގެ ކަންކަމަށް މަގުފަހިކޮށްދީ، މި ދާއިރާ ފުޅާކުރުމުގައި ސަރުކާރުން ދެމިތިއްބަވާނެކަމަށެވެ.