ޚަބަރު

"އޭޖީ އޮފީހަކީ ހާމަކަން ބޮޑު، ޖަވާބުދާރީވާ ޤާނޫނީ ނިޒާމެއް ކުރިއެރުވުމަށް މަސައްކަތްކުރާ މުއައްސަސާއެއް"


  • ދިމިޤްރާތީ ފޭރާން ވަރުގަދަކުރުމަށް އަމާޒުކޮށްގެން މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވިދާޅުވި

  • މުޖުތަމަޢުއަށް ޖަވާބުދާރީވާ ޤާނޫނީ ނިޒާމެއް ކުރިއެރުވުމަށް މަސައްކަތްކުރަން ޖެހޭކަމަށް ވިދާޅުވި

އޭޖީ އޮފީހަކީ ހާމަކަން ބޮޑު، ޖަވާބުދާރީވާ ޤާނޫނީ ނިޒާމެއް ކުރިއެރުވުމަށް މަސައްކަތްކުރާ މުއައްސަސާއެއް ކަމުގައި ބަންޑާރަނައިބު އަލްއުސްތާޛް އަޙުމަދު އުޝާމު ވިދާޅުވިއެވެ. އޭޖީ މިހެން ވިދާޅުވީ، ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބަންޑާރަނައިބު އަލްއުސްތާޛް އަޙުމަދު އުޝާމު ވިދާޅުވީ، ބަންޑާރަނައިބުގެ އޮފީސް ވަކި އޮފީހެއްގެ ގޮތުގައި ޤާއިމުކުރުމަކީ ރާއްޖޭގެ ޤާނޫނީ ނިޒާމު ތަރައްޤީކުރަން އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.

"2008 ވަނަ އަހަރު ވުޖޫދުވި އާ ޤާނޫނުއަސާސީއާ އެކު، ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތައް ކަޅާއި ހުދުން ލިޔެވުނު. ބަންޑާރަނައިބަކީ ހަމައެކަނި ސަރުކާރުގެ ޤާނޫނީ ވަކީލަށް ވުމުގެ ބަދަލުގައި، އެއީ ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި ޙިމާޔަތްކޮށް ކުރިއަރުވައި، ރައްޔިތުންގެ ސަލާމަތާއި، މަންފާއާއި، ޢާންމު މިނިވަންކަން ދިފާޢުކުރުމަށްޓަކައި މަސައްކަތްކުރަންޖެހޭ ފަރާތެއްގެ ގޮތުގައި ކަނޑައެޅުނު." ބަންޑާރަނައިބު އަލްއުސްތާޛް އަޙުމަދު އުޝާމު ވިދާޅުވިއެވެ.

އޭޖީ ވިދާޅުވީ ކުރިން ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސަރުކާރަށް ޤާނޫނީ ލަފާދިނުމާއި، ހުރިހާ ޤާނޫނީ މައްސަލަތަކެއްގައި ދިވެހި ދައުލަތް ތަމްސީލުކުރުން ހިމެނޭކަމަށެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ދިވެހި މުޖުތަމަޢުގެ ބަދަލުވަމުން އަންނަ ބޭނުންތަކަށާއި، ވެރިކަން ހިންގުމުގެ ބޮޑެތި ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، ބަންޑާރަ އޮފީސް ތަރައްޤީވެފައިވާކަމަށެވެ.

ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި އޭޖީ ވިދާޅުވީ މި ޤާނޫނަކީ އޮފީހުގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން، ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ސާފުކޮށް ކަނޑައެޅުމަށާއި، ޤާނޫނުއަސާސީ ތަޞައްވަރުކުރާ ގޮތަށް އޮފީހުގެ މިނިވަންކަން ޤާއިމްކުރުމަށް މުހިންމު ޤާނޫނެއްކަމަށެވެ. އެހެންނަމަވެސް މިވީ މުއްދަތުގައި އެކި ސަބަބުތަކާ ހުރެ މި ޤާނޫނުގެ މަސައްކަތްތައް އެކަށީގެންވާ ގޮތުގައި ތަންފީޒު ކުރުމުގެ ފުރުސަތު ލިބިފައި ނުވާކަމަށެވެ.

"ނަމަވެސް، މިހާތަނަށް އެއްވެސް ވެރިއަކަށް އެ މިނިވަންކަން މި އޮފީހަށް އޭގެ އެންމެ ފުރިހަމަ މާނައިގައި ދެއްވަން ކެރިވަޑައެއް ނުގެންނެވި. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ނިންމެވުމުން ހާމަކޮށްދެނީ އެ މަނިކުފާނުގެ އިޚްލާޞްތެރިކަމާއި، ޤާނޫނުއަސާސީއަށް އެ މަނިކުފާނު ދެއްވާ މަތީ ދަރަޖަ. އެ މަނިކުފާނުގެ ވިސްނުންތެރިކަމާއި ލީޑަރޝިޕްގެ ސަބަބުން، އަންނަން އޮތް ޖީލުތަކަށް މި ރައްދުކޮށްދެވެނީ ނަޒާހާތްތެރި، ނުފޫޒުން އެއްކިބާވެފައިވާ ރައްޔިތުންނަށް އިޚްލާޞްތެރި ބަންޑާރަނައިބުގެ އޮފީހެއް." ބަންޑާރަނައިބު އަލްއުސްތާޛް އަޙުމަދު އުޝާމު ވިދާޅުވިއެވެ.

އޭޖީ ވިދާޅުވީ، ބަންޑާރަނައިބުގެ އޮފީހުގެ ދައުރަކީ ހަމައެކަނި ސަރުކާރަށް ޤާނޫނީ ލަފާ ދިނުމަށްވުރެ މާ ފުޅާ ދައުރެއްކަމަށާއި، މިއީ ދައުލަތުގެ ހުރިހާ ބާރުތަކެއް އޭގެ އެންމެ ފުރިހަމަ މާނައިގައި މަސައްކަތްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާކަމަށެވެ. އަދި މި ބާރުތަކާއެކު ކުރާ މުޢާމަލާތްތަކަކީ ހަމައެކަނި އިޖުރާއީ ކަންކަމެއް ނޫންކަމަށާއި، އެއީ ދިމިޤްރާތީ ފޭރާން ވަރުގަދަކުރުމަށް އަމާޒުކޮށްގެން ކުރެވޭ މުހިންމު މަސައްކަތްތަކެއްކަމަށެވެ.

މި ދަތުރުގައި ކުރިއަށްދާއިރު، ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމުގެ ޒިންމާގައި ފަރުވާތެރިވާން ޖެހޭކަމަށް އޭޖީ ވިދާޅުވިއެވެ. މުޖުތަމަޢުގެ ބޭނުންތަކަށް އިޖާބަދޭ، ހާމަކަން ބޮޑު، ޖަވާބުދާރީވާ ޤާނޫނީ ނިޒާމެއް ކުރިއެރުވުމަށް މަސައްކަތްކުރަން ޖެހޭއިރު، ބަންޑާރަނައިބުގެ އޮފީހަކީ މި އުސޫލުތަކުގެ މަތީގައި ދެމިހުންނާނެ މުއައްސަސާއެއްކަން ކަށަވަރުކުރާނެކަމަށް އޭޖީ ވިދާޅުވިއެވެ.

ބަންޑާރަނައިބުގެ އޮފީހަކީ ހަމައެކަނި ޤާނޫނީ މުއައްސަސާއެއް ނޫންކަމަށާއި، އެއީ އިންސާފަށާއި، އަދުލަށާއި، ހަމަހަމަކަމަށާއި، ޤާނޫނުގެ ވެރިކަމަށް ޤައުމުން ދޭ އަހައްމިއްޔަތުގެ ނިޝާނެއްކަމަށް އޭޖީ ވިދާޅުވިއެވެ. ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުން ފާހަގަކުރާއިރު، މި އުސޫލުތައް ދެމެހެއްޓުމަށާއި، ދިވެހި ރައްޔިތުންނަށް ޝަރަފުވެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތްކުރުމުގެ ދެމިތިބުމަކީ މުހިންމުކަމެއްކަމަށް ބަންޑާރަނައިބު އޭޖީ އުޝާމު ވިދާޅުވިއެވެ.