ޚަބަރު

ދިވެހި ޕްރިމިއަރ ލީގު ފަށާނީ މާޒިޔާ އާއި އީގަލްސް މެޗުން


މި މަހުގެ 18 ގައި ފެށުމަށް ހަމަޖެހިފައިވާ ދިވެހި ޕްރިމިއަރ ލީގުގެ ޝެޑިއުލް ކުލަބުތަކާ ހިއްސާކޮށްފިއެވެ.

އެ ޝެޑިއުލްގައިވާ ގޮތުން ޕްރިމިއާލީގުގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ކްލަބް އީގަލްސްއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައެވެ.

ދެވަނަ މެޗުގައި ހުކުރު ދުވަހު ހަވީރު ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. އަދި ހަމަ އެދުވަހުގެރޭ 21:00 ގައި ބުރު ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބު ބައްދަލުކުރާ މެޗު އޮންނާނެއެވެ.

ކުލަބުތަކުގެ ގިނަ ދުވަސަތަކެއްގެ އިންތިޒާރަށްފަހު އަލުން ފުޓްބޯޅަ ސީޒަން ފަށައިގަންނައިރު މިއަހަރު ދިވެހި ޕްރިމިއާ ލީގުގައި ޖުމްލަ 10 ޓީމަކުން ވާދަކުރާނެއެވެ.

އޭގެ ތެރޭގައި ދެވަނަ ޑިވިޝަނުން ޕްރޮމޯޓްވި އޮޑި ސްޕޯޓްސް ކުލަބާއި ގިނަ އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު އަލުން ފުރަތަމަ ޑިވިޝަނުގެ ޖާގަ ލިބިފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ހިމެނެއެވެ. މީގެ އިތުރުން ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް، ވިކްޓްރީ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް، ކްލަބް ވެލެންސިއާ، ބުރު ސްޕޯޓްސް ކްލަބް އަދި ޓީސީ ސްޕޯޓްސް ކްލަބް ހިމެނެއެވެ.

މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިން ވަނީ ފުރަތަމަ ޑިވިޝަނުގައި މި ސީޒަނުގައި ކުޅެވެންނެތްކަން އެފްއޭއެމް އާއި ހިއްސާކޮށްފައެވެ. އެހެންކަމުން އެ ކްލަބްގެ ބަދަލުގައި ފުރަތަމަ ޑިވިޝަނުގެ ޖާގަ ދިނީ ނިއުރޭޑިއަންޓަށެވެ.