ޚަބަރު

ޤަތަރަށް ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި


  • ހަމަލާ ދީފައިވަނީ ޤަތަރުގެ ވެރިރަށް ދޯހާއަށް

  • ރައީސުލްޖުމްހޫރިއްޔާވެސް ވަނީ މި ހަމަލާ ކުށްވެރިކުރައްވާފައި

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުން ޤަޠަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޔަހޫދީ ދައުލަތުން ޤަޠަރަށް ދީފައިވާ މި ހަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނާއި މުޅިން ޚިލާފު އަދި ޤަޠަރުގެ ސަލާމަތާއި، ސިޔާދަތީ މިނިވަންކަމަށް އަރައިގަތުމުގެ ފިނޑިއަމަލެއް ކަމަށެވެ.

މިފަދަ ޣައިރު ޤާނޫނީ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތަށް އިތުރަށް ހުރަސްއެޅި މަސްރަހު އިތުރަށް ހޫނުވެ، އެ ސަރަޙައްދުގައި ސުލްޙަވެރި ޙައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކަށް އިތުރު ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމުގައި ދެކޭ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ޤަޠަރުގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށާއި ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް، އިސްރާއީލުން ކުރަމުންދާ ޣައިރު ޤާނޫނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ބާރުއެޅުމަށާއި، ސަރަހައްދުގެ މަޞްލަހަތު އިތުރަށް ގޯސްވިޔަނުދިނުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ގޮވާލާ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ޔަހޫދީ ދައުލަތުން ޤަޠަރަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި އެ ދައުލަތުން ހިންގާ ލާއިންސާނީ އަމަލުތަކަށް ޖަވާބުދާރިކުރުވައި އަވަސް ފިޔަވަޅުތައް އެޅުމަށް އެމަނިކުފާނު ބައިނަލްއަގުވާމީ މުޖުތަމަޢަށް ގޮވާލެއްވިއެވެ.