ޚަބަރު

ނޮޓިންހަމް ފޮރެސްޓުގެ ކޯޗުކަމުން ނޫނޯ ވަކިކޮށްފި


ނޮޓިންހަމް ފޮރެސްޓުގެ ކޯޗުކަމާ ހަވާލުވިތާ 21 މަސް ފަހުން އެ މަގާމުން ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަކިކޮށްފިއެވެ.

ފާއިތުވެދިޔަ ދެ ހަފްތާގެ ތެރޭގައި ނޫނޯ އާއި ފޮރެސްޓްގެ ވެރިޔާ އެވަންޖެލޮސް މަރިނާކިސް އާއި ދެމެދު އޮތް ގުޅުން ގޯސްވެފައިވާކަމަށް މީޑިޔާގައި ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި އެކަމާއި ގުޅޭ ގޮތުން ނޫނޯ ވަނީ އަމިއްލަ އަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަވެސް ދައްކާފަ އެވެ.

ފޮރެސްޓްގެ ކޯޗު ކަމާއި ނޫނޯ ހަވާލުވެފައިވަނީ ކުރިން އެ މަގާމުގައި ހުރި ސްޓީވް ކޫޕަރ މަގާމުން ވަކިކުރުމާއިއެކު 2023 ވަނަ އަހަރުގެ ޑިސެމްބަރ މަހު އެވެ.

ނޫނޯ ވަނީ ނިމިގެންދިޔަ ސީޒަނުގައި ފޮރެސްޓް އަށް ޕްރިމިއާ ލީގުގެ ހަތްވަނަ މަގާމު ހޯދަދީ ޔޫރަޕްގެ ފުޓްބޯޅައިގެ ފުރުސަތު އެ ކްލަބަށް ފާއިތުވެދިޔަ ތިރީސް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ހޯދަދީފަ އެވެ. މިއީ 95-1994 ވަނަ އަހަރުގެ ސީޒަނަށްފަހު ފޮރެސްޓަށް ޕްރިމިއާ ލީގުގެ ހަތްވަނައިގައި ނިންމާލެވުނު ފުރަތަމަ ފަހަރެވެ.

މި ސީޒަނުގައި މިހާތަނަށް ތިން މެޗު ކުޅެވިފައިވާއިރު ފޮރެސްޓް އޮތީ 10 ވަނައިގަ އެވެ. އަދި އެންމެ ފަހުން ލީގުގައި އެ ޓީމު ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ވަނީ އަމިއްލަ ދަނޑުގައި ބަލިވެފަ އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ފޮރެސްޓްގެ ކޯޗު ކަމާއި ހަވާލުވުން އެންމެ ގާތީ މިދިޔަ ސީޒަނުގައި ޓޮޓްނަމް ހޮޓްސްޕަރ އަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިން އޮސްޓްރޭލިއާގެ އެންޖޭ ޕޮސްޓެކޮގްލޫ އެވެ.