ޚަބަރު

ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު ހަމަޖައްސަވައިފި


  • އެފަޅު ރަށު ފަތުރުވެރިކަމަށް ތަރައްގީކުރަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި

  • މިއީ ރަށުގެ އިޤްތިޞާދީ ތަރައްގީއަށް މުހިންމު ކަމެއް

އަރިއަތޮޅު އުތުރުބުރީ ފެރިދޫގެ ބައެއްގެ ގޮތުގައި އެއަތޮޅުގެ މާފަރު ފަޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. އެމަނިކުފާނު މިގޮތަށް ހަމަޖެއްސެވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

މާފަރު ފަޅު، ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައިވަނީ ވިދާޅުވެފައެވެ. އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ މާފަރުފަޅު ތަރައްޤީކުރާނީ ލޯކަލް ޓޫރިޒަމާއި، ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރެވޭނެ ޕިކްނިކް އައިލެންޑެއްގެ ގޮތުގައިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރުފަޅު ހަމަޖައްސަވާފައިވާއިރު މިއީ އެރަށުގެ ތަރައްޤީގެ މުސްތަޤުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނޭ ފުރިހަމަ ވަސީލަތަކަށް ވެގެންދާނެ ބަދަލެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި ނިންމެވުމާއެކު ރައީސުލްޖުމްހޫރިއްޔާ ނެރުއްވި، ޤަރާރުގައި ވިދާޅުވީ "ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން" ޤަރާރު އިޞްލާޙުކުރައްވައި، އެ ޤަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އަރިއަތޮޅު އުތުރުބުރީ ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު އިތުރުކުރައްވާފައިވާ ކަމަށެވެ.

ފެރިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާވަނީ އެ ރަށުގައި ކުރިއަށްގެންދަން ނިންމަވާފައިވާ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ފުލުހުންގެ މަރުކަޒު ޤާއިމްކުރުމާއި، ސްކޫލަށް ޖާގަ އިތުރުކުރުމާއި ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި، ދޯނި އެހެލާ ސަރަހައްދާއި، ޕިކްނިކްދާނެ ސަރަހައްދު ތަރައްޤީކުރުން ހިމެނެއެވެ. އެމަސައްކަތްތައް މިހާރު ވަނީ އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ.

މީގެ އިތުރުން ބަނދަރު ނެރުގައި ހުރި މައްސަލަ ހައްލުކުރުމާއި، ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމާއި 500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއް ތަރައްޤީކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.