ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިޝާރާތް ބަސް ނުވަތަ ސައިން ލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލްގެ ކޯހެއް ފަށަން ތައްޔާރުވެއްޖެއެވެ.
މިއީ އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއެކު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެ ޔުނިވާސިޓީއިން ފަށާ ކޯހެކެވެ. އެގޮތުން ސައިން ލޭންގުއޭޖް ސެޓްފިކެޓް ލެވެލް 3 ގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ޤައުމީ ޔުނިވާސިޓީން ވަނީ ހުޅުވާލާފައެވެ. 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ޖީސީއޯލެވެލް ހަދާފައިވާ އަދި ސެޓްފިކެޓް ލެވެލް 2 ފުރިހަމަކޮށްފައިވާ ކޮންމެ ފަރާތަކަށް ވެސް ކުރިމަތިލެވޭނެއެވެ.
އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ އެހެން މީހުންނެކޭވެސް އެއްގޮތަށް ކަންކަމުގައި ޝާމިލުވެ އުޅޭ، އަދި ޚިދުމަތް ހޯދުމުގައި ވެސް އެ ފަރާތްތަކަށް ފަސޭހަކަން ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ބައެވެ.
އެމަނިކުފާނުގެ އެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުއާމަލާތުކުރުމަށް ބޭނުންކުރާ ސައިން ލޭންގުއޭޖް ވީހާވެސް ގިނަ ބަޔަކަށް ދަސްކޮށްދިނުމާއި ސައިން ލޭންގުއޭޖުން މުއާމަލާތުކުރުމަކީ އަހުލުވެރި ކަމަކަށް ހެދުމުގެ އަމާޒުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މުއާމަލާތުކުރުމަށާއި، އެހެން ފަރުދުންނެކޭވެސް އެއްގޮތަށް ސަރުކާރުގެ އިދާރާތަކުން ޚިދުމަތް ހޯދުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އާޢިލީ ތަރައްޤީއާ ބެހޭ ވުޒަރާއިން ވަނީ އޮންލައިން ސައިން ލޭންގުއޭޖް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގައި ސަރުކާރުގެ އެކި ވުޒާރާތަކާއި މުއައްސަސާތަކާއި ކުންފުނިތައް ހިމެނޭހެން 130 އަށް ވުރެ ގިނަ ފަރާތްތައް ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ.
މިހާރު އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގެންދަނީ އޮންލައިން ސައިން ލޭންގުއޭޖް އެޑްވާންސް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ ތައްޔާރީތައް ވަމުންނެވެ. އެއާއެކު ފުރަތަމަ ފަހަރަށް ސެޓްފިކެޓް ލެވެލްގެ ސައިންލޭންގުއޭޖް ކޯހެއް ޤައުމީ ޔުނިވާސިޓީގައި ކިޔަވައިދިނުމަށް ނިންމައި އެ ފުރުސަތު ހުޅުވާލުން ވެގެން ދިޔައީ، ސައިން ލޭންގުއޭޖަށް އާންމުން އަހުލުވެރިކުރުމަށް ކުރަމުންދާ މަސައްކަތަކަށް އިތުރުވި ބޮޅަކަށެވެ.
ސައިން ލޭންގުއޭޖް ކޯސް ފުރިހަމަކޮށް، ގިނަ ބަޔަކު ސައިން ލޭންގުއޭޖަށް އަހުލުވެރިވަމުން އަންނަކަމުގައި ވާނަމަ، ސައިން ލޭންގުއޭޖަކީ ހަމައެކަނި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާ މެމްބަރުން ބޭނުންކުރާ އެއްޗަކަށް ވެފައި އޮތުން ނިމުމަކަށް އައިސް، މުޖުތަމައުގެ އެހެން މީހުންނެކޭ ވެސް އެއްގޮތަށް އަޑުއުވިއުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުއާމަލާތުކުރުމުގަޔާއި، ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވެ އުޅުމާއި، ޚިދުމަތްތައް ހޯދުމުގައި އަދި މުޖުތަމައުގެ ކަންކަމުގައި ބައިވެރިވެ އުޅުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. ހަމައެއާއެކު، އެއްވެސް ފަރުދަކު ބާކީނުވެ އެންމެން ޝާމިލުވާ، އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ވެސް މިފަދަ ކަންކަމުން ވަރަށް ބޮޑަށް ބާރުލިބިގެންދާނެއެވެ.