ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ ޞިއްޙީ ނުރައްކާތަކަށް ބަލާލާއިރު ފަހަގަކޮށްލެވޭ މައިގަނޑު އެންމެ މުހިންމު އެއްކަމަކީ، ހެދިބޮޑުވަމުންދާ ސިކުނޑިއަށް މިކަމުގެ ސަބަބުން ލިބޭ ގެއްލުންކަން ޞިއްޙީ ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.
ރާއްޖެއަކީވެސް ދުންފަތުގެ އިސްތިއުމާލުކުރާ ނިސްބަތުން ބޮޑު އާބާދީއެއް ދިރިއުޅޭ ޤައުމެއްކަމުން، މި ވަބާއިން މުޖުތަމަޢު ރައްކާތެރިކުރުމަށް ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޞިއްޙީގޮތުން ގިނަ މައްސަލަތަކަކާ ކުރިމަތިލާންޖެހެއެވެ. ނޭވާލާ ނިޒާމާއި ފުއްޕާމޭގެ އެކި ބަލިތަކާއި، ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކަށް އިންސާނުން ހުށަހެޅޭ އެންމެ މައިގަނޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުމެވެ. ވަކިން ޚާއްސަކޮށް ކުޑަކުދިންނަށް މިކަމުގެ ސަބަބުން ލިބޭ ގެއްލުން އެތައް ގުނައެއް ބޮޑުކަން ޞިއްޙީ ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ، ފާތިމަތު ނަޖުދާ ވިދާޅުވީ، ދުންފަތުގައި ހިމެނޭ ނިކޮޓިންއަށް ކުޑަކުދިން ހުށަހެޅުމުން، އެކުދިންގެ ހެދިބޮނޑުވަމުން އަންނަ ސިކުނޑިއަށް ނޭދެވޭ އަސަރުތަކެއް ކުރުވާކަމަށެވެ. އެގޮތުން ކުދިންނަށް ކަންކަމަށް ސަމާލުކަން ދިނުމަށާއި، ކަންކަން ދަސްކުރުމުގައި އުނދަނގުތަކާ ކުރިމަތިވާކަން އޭނާ ފަހަގަކުރެއްވިއެވެ.
ފުރާވަރުގެ ކުދިންތަކުގެ ތެރޭގައި ބައެއް ކުދިން ސްޓްރެސްވީމަ، ސްޓްރެސް ފިލުވަންވެސް ދުންފަތުގެ އިސްތުއުމާލު ކުރާކަމަށް ނަޖުދާ ވިދާޅުވިއެވެ. ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި ނިކޮޓިންގެ ސަބަބުން ޑިޕްރެޝަން، އެންޒައިޓީ ފަދަ ބަލިތަކަށް ހުށަހެޅި، ބަލީގައި ބޮޑުވަރުވުމުގެ ފުރުޞަތު އިތުރުވެގެންދާކަމަށް ނަޖުދާ ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އިތުރަށް ސެކަންޑް ހޭންޑް ސްމޯކް ނުވަތަ ދުންފަތުގެ ދުމަށް ހުށަހެޅުމުގެ ސަބަބުންވެސް ކުޑަކުދިންނަށް ވަރަށް ބޮޑެތި ޞިއްޙީ މައްސަލަތައްވެސް ކުރިމަތިވާ ކަމަށް ނަޖުދާ ވިދާޅުވިއެވެ. މީގެ ތެރޭގައި ނޭވާލާ ނިޒާމުގެ އުނދަގޫތަކާއި ހަމުގެ މައްސަލަތައް ފަދަ ކަންކަމަކީ ފާހަގަ ކޮށްލެވޭ ކަންކަން ކަމަށް ވިދާޅުވިއެވެ.
"ވޭޕްކުރުމުގެ ސަބަބުންވެސް ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް އެބަހުރި ފުއްޕާމޭގެ މައްސަލަތައް ކުރިމަތިވެގެން ކޭސަސް ރިޕޯޓް ކޮށްފައި. އެކަންކަމާ ބެހޭގޮތުން ސޯޝަލް މީޑިއާގަވެސް ޑޮކްޓަރުންވެސް އެ ކޮންސާންތައް ރެއިޒްކުރައްވާފައިވޭ." އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ، ފާތިމަތު ނަޖުދާ ވިދާޅުވިއެވެ.
ނަޖުދާ ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލް ކުރުމާއި ވޭޕްކުރުމާއި މިފަަދަ ކަންތައްތަކާ ގުޅޭ މައުލޫމާތު ބެލެނިވެރިންނަށް ފުރިހަމައަށް އެނގުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ކުޑަކުދިންނަށްވެސް އެކުދިންގެ އުމުރާ ގުޅޭނެހެން މިކަންކަމުގެ މަޢުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކުރުމަށް ބެލެނިވެރިން ސަމާލުވާންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެކުއްޖެއްގެ އުމުރާ ގުޅޭގޮތުން އެކަންކަން އެކުދިންނަށް ކިޔާދޭން ޖެހޭ. ބައެއްފަހަރު ބެލެނިވެރިންނަށް ހީވެފައި އޮންނަަނީ މާކުޑަވީމަ ބުނުން އެހާ ރަނގަޅެއް ނުވާނޭ. އެހެންނަމަވެސް އުމުރާ ގުޅޭގޮތުން މިފަދަ ވާހަކަތައް ކިޔާދިނުމުން އެކުދިންނަށް އެކަންކަމުން ރައްކާތެރިވާން އެނގޭނެ." ނަޖުދާ ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ނުވަތަ ވޭޕް ބޭނުންކުރުން ފަދަ އަމަލުތަކުގެ ތެރެއަށް ކުޑަކުދިން ވަންނަން ދިމާވާ ބައެއް ސަބަބުތަކުގެ ތެރޭގައި ޕިއާ ޕްރެޝަރ ނުވަތަ އެކުގައި އުޅޭ ކުދިންގެ ފަރާތުން އެ އަންނަ ޕްރެޝަރވެސް ހިމެނެއެވެ. މިއީ ބެލެނިވެރިންވެސް އިތުރަށް ސަމާލުވާންޖެހޭ ކަމެއްގެ ގޮތުގައި ނަޖުދާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ކުދިންނާއި ބެލެނިވެރިންނާ ދެމެދު މުއާމަލާތްކުރެވޭނެ ހަރުދަނާ ގުޅުމެއް އޮތުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.
"ކުޑަކުދިންނަކީ ބުނާއެއްޗަކަށްވުރެ އަމަލުން ކަންކަން ދަސްކުރާ ކުދިންވީމަ އެކުދިންނަށް ނަމޫނާ ދެއްކުމަކީ ވަރަށް މުހިންމު ކަމެއް. އެކުދިން ބޮޑުވެގެން އަންނަ މާހައުލަކީ ދުންފަތާއި ދުންފަތުގެ ދުމުން ރައްކާތެރި މާހައުލެއް ކަމަށް ކަށަވަރު ކުރުމަށް އަޅުގަނޑުމެނަށް ކުރެވޭ ކަންތައްތައް ކޮށްގެން އެ ނަމޫނާ ދެއްކުމަކީވެސް ވަރަށް މުހިންމު ކަމެއް." ނަޖުދާ ވިދާޅުވިއެވެ.
އެޗްޕީއޭއިން އަންނަނީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ސެޒޭޝަންގެ ޚިދުމަތް ރާއްޖޭގެ އެކި ހިސާބުތަކުގައި ފޯރުކޮށްދެމުންނެވެ. ސެޒޭޝަންގެ ތެރެއިން އެންއާރްޓީގެ ޚިދުމަތްތައްވެސް ރާއްޖޭގެ ހުރިހާ ހިސާބަކުން ލިބޭނެކަމަށާއި، މިއީ އާސަންދައިގެ ތެރެއިން ހިލޭ ލިބޭ ޚިދުމަތްތަކެއްކަން ނަޖުދާ ފާހަގަކުރެއްވިއެވެ.
ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 1676 ގެ ގޮތުގައި 24 ގަޑިއިރު ޚިދުމަތް ލިބޭނެ ކުއިޓް ލައިނެއްވެސް އެޗްޕީއޭއިން ވަނީ ޤާއިމުކޮށްފައެވެ.