ޓޮޓްނަމް ހޮޓްސްޕަރގެ ޗެއަރމަން ކަމުގެ މަގާމުން 25 އަހަރަށްފަހު ޑެނިއަލް ލެވީ އިސްތިއުފާ ދީފި އެވެ.
2001 ވަނަ އަހަރުގެ މާޗް މަހު ޓޮޓްނަމް ހޮޓްސްޕަރގެ ޗެއަރމަން ކަމުގެ މަގާމާއި ހަވާލުވި ލެވީ މަގާމުން އިސްތިއުފާ ދިން ކަން އެ ކްލަބުން އިއުލާން ކޮށްފައިވާއިރު އިނގިރޭސިވިލާތުގެ ބައެއް ނޫސްތަކުން ބުނެފައިވަނީ ލެވީ އެ މަގާމުން އިސްތިއުފާ ދީފައިވަނީ ކްލަބުގެ ބޯޑުން އޭނާއަށް އެކަމަށް މަޖުބޫރު ކުރުވުމުގެ ސަބަބުން ކަމަށެވެ.
ބޮޑު މުބާރާތެއް ކާމިޔާބު ނުކުރެވޭތާ 17 އަހަރަށް ފަހު މިދިޔަ ސީޒަނުގައި ޓޮޓްނަމް ހޮޓްސްޕަރ އިން ވަނީ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
ލެވީގެ ޗެއަރމަން ކަމުގައި ޓޮޓްނަމް އަށް އެދެވޭ ކާމިޔާބީއެއް ހޯދިފައިނުވާކަމަށްބުނެ އެ ކްލަބުގެ ސަޕޯޓަރުން ވަނީ އެކި ފަހަރު މަތިން ލެވީގެ އިސްތިއުފާއަށް ގޮވާ މުޒާހަރާވެސް ކޮށްފަ އެވެ.
އުމުރުން 63 އަހަރުގެ ލެވީ ވެފައިވަނީ ޕްރިމިއާ ލީގުގައި ވާދަކުރި ކްލަބްތަކުގެ ތެރެއިން އެންމެ ދިގު މުއްދަތަކަށް ކްލަބެއްގެ ޗެއަރމަން ކަން އަދާކުރި ފަރާތަށެވެ. އަދި މި މުއްދަތުގެ ތެރޭގައި އޭނާ އަށް 50 މިލިއަން ޕައުންޑް ލިބިފައިވާކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
ލެވީގެ ޗެއަރމަން ކަމުގައި ޓޮޓްނަމް އިން ވަނީ އައު ސްޓޭޑިއަމްއެއް ހަދާ އެންމެ މަތީ ފަންތީގެ ޓްރެއިނިންގ ފެސިލިޓީއެއް ގާއިމުކޮށްފަ އެވެ.
މަގާމުން އިސްތިއުފާ ދިނުމަށްފަހު ލެވީ ބުނެފައިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ކުރެވިފައިވާ މަސައްކަތަށް ފަހުރުވެރިވާ ކަމަށާއި ޓޮޓްނަމް އަކީ އެންމެ މަތީ ފަންތީގެ ކްލަބެއްގެ ގޮތުގައި ބްރޭންޑް ކުރެވިފައިވާތީ އެކަމާ އުފާ ކުރާ ކަމަށެވެ.