ކޮންމެ ފުލުހަކީވެސް އަމިއްލަ ކުރިއެރުމަށް އިސްނަގައިގެން މަސައްކަތްކުރާ މީހަކަށްވުމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ފުލުހުންނަށް އިސްލްތިމާސްކުރައްވައިފިއެވެ. ވަޒީރު މިކަމަށް އިލްތިމާސްކުރެއްވީ ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ފުލުހުންނަށް ބޭނުންވާ ވަޞީލަތްތައް ހޯދައިދީ، ބިނާރުތައް ޤާއިމުކޮށް، ފުލުހުން ތަމްރީންކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އެހެންކަމުން ވަޞީލަތެއް ލިބެންދެން މަޑުނުކޮށް، އެ ފުލުހެއްގެ ދާއިރާއިން ކުރިއެރުމަށް އަމިއްލައަށް އިސްނަގައިގެން ކޮންމެ ފުލުހަކުވެސް މަސައްކަތްކުރުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.
"ވަކިން މީހަކު އައިސް ވަޞީލަތެއް ހޯދައިދޭން އުޅުމުގެ ބަދަލުގައި، ކަމެއް ނުވަނީސްވެސް އެ މީހެއްގެ ދާއިރާގައި ބަދަލުވަމުން އަންނަ ދުނިޔެއާ އެއްގޮތަށް ޒަމާނީ ފަހުގެ ވަޞީލަތްތަކާއި ތަމްރީނުތައް ދެނެގަނެ ވެރިންނާ ހަމައަށް ގެނެސް، އެކަންކަން ފަހިކުރުމަށް އާދަޔާ ޚިލާފަށް މަސައްކަތްކުރަން އަޅުގަނޑު އެދެން." ވަޒީރު ވިދާޅުވިއެވެ.
ދާޚިލީ ސަލާމަތަ ފަންނިއްޔާތާބެހޭ ވަޒީރު ވިދާޅުވީ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަކީ ފުލުހުންގެ އަސާސީ މަޤުޞަދެއްކަމަށްވާއިރު، ކުށުގެ ވެށްޓަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، އެގޮތަށް ޚިދުމަތް ބައްޓަންކުރުން މުހިންމު ކަމަށެވެ. ޚާއްސަކޮށް ބަދަލުވަމުން އަންނަ ދުނިޔޭގައި މިހާރު އެންމެ ޢާންމު ކުށްކުށުގެ ތެރޭގައި ހިމެނޭ ސައިބަރ ކްރައިމް މަދުކޮށް، އެފަދަ ކުށްކުށް ހުއްޓުވުމަށްޓަކައި ވަޞީލަތްތައް ޤާއިމުކޮށް، ތަމްރީނުވާންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހި މުޖުތަމަޢަކީ އެެއްބައިވަންތަ ބަދަހި މުޖުތަމަޢަކަށް ހެދުމަށް ޢަޒުމު ކަނޑައެޅުމުގެ މުހިންމުކަން ދާޚިލީ ވަޒީރު ފާހަގަކުރެއްވިއެވެ. އެއްބައެއްގެ ގޮތުގައި ދެމި ތިބުމަށް ތަފާތު ހުރަސްތައް ކުރިމަތިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ފުލުހުން ހިންގާ ޚާއްސަ ޕްރޮގުރާމްތަކުގެ ތެރެއިން މުޖުތަމަޢުގައި ހަމަޖެހުން ޤާއިމުކޮށް، އެކަކު އަނެކަކަށް އިޙުތިރާމްކުރާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްތަކެއް ކުރެވިދާނެ ކަމަށެވެ. އަދި ކުށަށް މީހުން އަރައިގަތުމުގެ ކުރިން ކުށުގެ ވެށިން ސަލާމަތްވެފައިވާ ތަނަކަށް މުޖުތަމަޢު ހެދުމަށް ފުލުހުން މަސައްކަތްކުރަންޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފުލުހުންގެ އިމާރާތްތައް އަޅައި، ވަޞީލަތްތައް ޤާއިމުކުރަމުން މިދަނީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް." ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ ޚިދުމަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންނަށް އެކަން އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާވަނީ ދީފައެވެ. އެ ގޮތުން 20 އަހަރުން ފެށިގެންގޮސް 35 އަހަރާ ހަމައަށް ޚިދުމަތްކޮށްދީފައިވާ ފުލުހުންގެ އަގުވަޒަންކޮށްފައިވެއެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު، މަދަނީޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ފެށުނު ދުވަސް ފާހަގަކުރުމަށެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.