ޚަބަރު

ބިލެތްފަހީގެ "ރަށު އާސާރު": ރައްޔިތުންގެ ސާދާ ދިރިއުޅުމާއި ޤަދީމީ މުއްސަނދި ބިނާއެއް


  • މި އާސާރު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު

  • ބިލެތްފަހީގެ މިސްރާބު ހުރީ ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް

މިލަދުންމަޑުލު އުތުރުބުރި ށ. ބިލެތްފައްސަކީ ރާއްޖޭގައި ކިއްސަރު ވަޑާމަށް މަޝްހޫރު ރަށެއެވެ. ހަމައެގޮތަށް ބޮޑުކޭމާއި ޖާފަތް ދިނުމުގައިވެސް ބިލެތްފައްސަކީ ނަމޫނާ ރަށެވެ. މިއީ ތާރީޚާއި އާސާރުތައް ދަމަހައްޓައި ރައްކާކުރުމުގައިވެސް ނަމޫނާ ރަށެއްވެސްމެއެވެ. އެކަން ހާމަވަނީ ރަށުގައި ހަދާފައިވާ " ރަށު އާސާރު" ނަމަކަށް ކިޔާ ބިނާއިންނެއެވެ.

"ރަށު އާސާރަކީ" ބިލެތްފަހީގެ ކައުންސިލް މެމްބަރެއްގެ އިސްނެގުމާއެކު ރަށުގެ ކައުންސިލާއި ޒުވާނުންނާއި ގުޅިގެން ހަދާފައިވާ ރަށުގެ މުހިންމު ބިނާއެކެވެ. މިތަން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުއެވެ.

"ރަށު އާސާރު" ހެދުމުގެ މައިގަނޑު މަގްސަދަކީ ރަށަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމާއި ރަށު ކައުންސިލަށް ލިބޭ އާމްދަނީ އިތުރުކޮށް ރަށުގެ މަގްބޫލުކަން ރާއްޖޭގައި އިތުރު ކުރުމެވެ.

ބިލެތްފަހީ ރަށު އާސާރަކީ ރަށުގެ މުއްސަނދި ތާރީޚު ދައްކުވައިދޭ ބިނާއެއްވެސްމެއެވެ. ރާއްޖޭގެ ޤަދީމީ ޒަމާނުގައި ބިލެތްފަހީ ރައްޔިތުން އެކި މަސައްކަތުގައި ގެންގުޅު ހިފާގެންގުޅޭ ތަކެތި އެތާނގައިވަނީ އެބަހުއްޓެވެ. 1960 ވަނަ އަހަރުން ފެށިގެން އެކި ޒަމާންތަކުގައި އެކި ކަންކަންކަމަށް ބޭނުންކުރި، މިޒަމާނުގައި ފެނުން މަދު އެތަކެއް ތަކެއްޗެއް އެތަނުގައި ފެންނަން އެބަހުއްޓެވެ. އެއީ މިއަދުގެ ޖީލަށް ފަރިތަނޫން އެކަމަކު އަޅުގަނޑުމެންގެ ދިރިއުޅުމުގައި އެއްޒަމާނެއްގައި ބޭނުންކުރި ތަކެއްޗެވެ.

އޭގެ ތެރޭގައި ބަދިގޭގައި ހިފާގެންގުޅުނު ސާމާނާއި، އޮޑިދޯނިފަހަރުގައި ގެންގުޅުނު ސާމާނާއި، ވަޑާމުގައި ބޭނުންކުރި ސާމާނާއި، ރަށު އޮފީހުގައި ބޭނުންކުރި އެކި ވަސީލައްތައްވެސް ހިމެނެއެވެ. މީގެތެރޭގައި ޓައިޕްރޭޓަރާއި, ސަންގުހިމެނެއެވެ. މާލޫދޫ ފޮތްތަކާއި, އޮފީސްތަކުގައި ގެންގުޅުނު އިދާރީ ފޮތްތައް ހިމެނެއެވެ. އެތަން ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ބިލެތްފަހީގެ ތާރީހުގެ މުއްސަނދިކަމެވެ. ދިވެހީންގެ ސާދާ ދިރިއުޅުމާއި ކާބަފައިންގެ މަސައްކަތްތެވެ.

ބިލެތްފަހީ ރަށު އާސާރާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއާއި ވާހަކަދައްކަމުން އެ ރަށު ކައުންސިލް މެމްބަރ އާދަމް ޝަފްރާޒް ވިދާޅުވީ ބިލެތްފަހީގެ މިސްރާބު ހުރީ ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށްކަމަށެވެ. އެގޮތުން މި ބިނާއަކީ މިކަމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޝަފްރާޒް ވިދާޅުވީ ރަށުގެ ގަދީމީ ތަކެތި އެއްކޮށް ނަފާ ލިބޭނެ ކަމެއްގެ ގޮތުގައި މަސައްކަތް ފެށިފައިވަނީ ވަރަށް ފަހުންކަމަށެވެ. އެހެންނަމަވެސް އަމާޒަކީ މިތަން އިތުރަށް ފުޅާކޮށް ފަތުރުވެރިންނާއި ރަށައް އަރާ ފަރާއްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭ ތަނަކަށް ހެދުންކަމަށް އޭނާ ވިދާޅުވިއެވެ.

"މިވަގުތު އެއްވެސް ފީއަކާއި ނުލައިހަމަ ރަށައް އަންނަ ކޮންމެ ބޭފުޅަކަށްވެސް ޒިޔާރަތްކުރެވޭގޮތަށް. މިތަން ބަލާލާ މިތަނުގައި ހުރި އެއްޗެހީގެ ހޯދަން ބޭނުންވާ މައުލޫމާތެއް އަޅުގަނޑުމެން އެގަޑިއެއްގައި ހަވާލުވާ ބޭފުޅަކު ދޭނެ. ދެން އަޅުގަނޑުމެންގެ މުސްތަގްބަލުގައި ހަމަ މިތަން ތަރައްޤީކޮށް ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް އަގެއް ނަގައިގެން އާމްދަނީ ލިބޭނެގޮތައް އެކަން ކުރުކަށް ނިންމާފައިވަނީ" ޝަފްރާޒް ވިދާޅުވިއެވެ.

ކޮންމެއަކަސް ބިލެތްފަހީގެ ރަށު އާސާރަކީ ރަށުގެ އިޤްތިޞާދު ކުރިއަރައި ދިޔުމަށް މުހިންމު ދައުރެއް އަދާކުރާނެ މުހިންމު ބިނާއެކެވެ. ބިލެތްފަހިން ފަހިކޮށްދީފައިވަނީ އެރަށުގެ ތާރީޚާއި, ދިރިއުޅުން އެރަށަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފެނި ތަޖުރިބާ ކުރުމުގެ ފުރުޞަތެވެ.