ޢާއިލާތަކުގައި ލޯތްބާއި ކުލުނު ދެމެހެއްޓުމުގައި މާމަ ކާފައިންގެ ދަޢުރު ވަރަށް ބޮޑުކަމަށް ވިދާޅުވެ، މާމަ ކާފައިންގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީޢާއިލާތަކުގައި ލޯތްބާއި ކުލުނު ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަޙްމަތެއްކަމަށެވެ. އަދި މި އުފާވެރި ދުވަސް ފާހަގަކުރަމުންދާއިރު، ހިތުގެ އިޚްލާޞްތެރި ހެޔޮ ދުޢާތައް ވަނީ، ދިވެހި ކޮންމެ މާމައަކާއި ކާފަޔަކާއެކުގައިކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.
ލޯތްބާއި ކުލުނު ޢާއިލާތަކުގައި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަޙްމަތެއް. މި އުފާވެރި ދުވަހު އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ހެޔޮ ދުޢާތައް ވަނީ، ދިވެހި ކޮންމެ މާމައަކާއި ކާފަޔަކާއެކު. pic.twitter.com/PXMk9cb7Ns
— Dr Mohamed Muizzu (@MMuizzu) September 1, 2025
މި ދުވަސް ރާއްޖޭގައި ފާހަގަކުރަން ފަށާފަވަނީ، 2020ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މާމަ ކާފަ ދުވަސް ފާހަގަކުރަނީ، ޢާއިލާ ބިނާކުރުމާއި ދަރިން ތަރުބިއްޔަރުކުރުމުގައި ކާބަފައިންގެ ދަޢުރު ފާހަގަކޮށް، އެކަން ބަލައިގަނެ ޝުކުރުޢަދާކުރުމަށެވެ.
މާމަ ކާފައިންނަކީ، ރިވެތި އަޚްލާގު ބުނެދީ، އަޚްލާގު ރަނގަޅު ހޭލުންތެރި މުޖުތަމަޢުއެއް ބިނާކުރުމުގައިވެސް އެންމެ ބޮޑު ދަޢުރެއް އަދާކުރާ މީހުންނެވެ.
ޢާއިލީ ގުޅުންތައް ދަމަހައްޓައި، ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާ މުޖްތަމަޢެއް ބިނާކުރުމުގައި ކޮންމެ މާމައަކާއި ކާފައެއްގެ ދައުރު ނުހަނު ބޮޑު.
— First Lady Sajidha Mohamed (@sajidhaamohamed) September 1, 2025
އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ހެޔޮ ދުޢާތަކާއެކު، މި އުފާވެރި ދުވަހުގެ ހެޔޮ އެދުންތައް ދިވެހި މާމައިންނާއި ކާފައިންނަށް ދަންނަވަން. pic.twitter.com/X1wU3bnKkE
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ، މާމަ ކާފައިންގެ ދުވަހުގެ ހެޔޮ އެދުމާ ތަޙުނިޔާ ފޮނުއްވާފައެވެ.
ސޯޝަލް މީޑިއާގައި އެކަމަނާ ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢާއިލީ ގުޅުންތައް ދަމަހައްޓައި، ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާ މުޖްތަމަޢެއް ބިނާކުރުމުގައި ކޮންމެ މާމައަކާއި ކާފައެއްގެ ދައުރު ނުހަނު ބޮޑުކަމަށެވެ. އަދި ހިތުގެ އިޚްލާޞްތެރި ހެޔޮ ދުޢާތަކާއެކު، މި އުފާވެރި ދުވަހުގެ ހެޔޮ އެދުންތައް ދިވެހި މާމައިންނާއި ކާފައިންނަށް ދަންނަވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
މި ދުވަސް ފާހަގަކުރުމުގެ މަޤުޞަދުތަކުގެތެރޭގައި، ދަރިންނާ ޒުވާންޖީލުގެ ހިތްތަކުގައި އުމުރުން ދުވަސްވީ މީހުންނާމެދު ލޯތްބާއި އިޙްތިރާމު އުފައްދާ، އެމީހުން އަދާކުރަމުންދާ އަގުހުރި ދަޢުރު ބުނެދީ މާމަ ކާފައިންނާމެދު ލޯތްބާއި އާއިލާ ގުޅުން ބަދަހިކުރުން ހިމެނެއެވެ.