އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލްއިން ކާމިޔާބުކޮށްފިއެވެ.
ލިވަޕޫލްގެ އެންފީލްޑް ގައި ކުޅުނު މި މެޗުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި އާސެނަލްގެ ޑިފެންޑަރ ވިލިއަމް ސަލީބާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ އެގާރައިގައި އެ ޓީމާއި އަލަށް ގުޅުނު އެބެރެޗީ އެޒޭ ނުހިމެނި ނަމަވެސް ދެވަނަ ހާފުގައި މިކޭލް އާޓެޓާ ވަނީ އޭނާ ކުޅެން އަރުވާފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ މާ ރަގަޅު ފުރުސަތެއް ތަނަވަސް ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ލިވަޕޫލްގެ ފޯވަޑް ހޫގޯ އެކިޓީކޭ ވަނީ ލަނޑެއް ޖަހާފަ އެވެ. ނަމަވެސް މެޗުގެ ރެފްރީ ވަނީ ވީޑިއޯ ބެލުމަށްފަހު އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.
ލިވަޕޫލް އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުވެފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ޑޮމިނިކް ސޮބޮޒްލާއީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުން ލިވަޕޫލް މޮޅުވެފައިވާއިރު އެ ޓީމުން ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެ ޖުމްލަ 9 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ޖެހިލާފަ އެވެ.