ޚަބަރު

ދެވަނަ ފްރީ ޒޯން ޤާއިމް ކުރަނީ އައްޑޫ ސިޓީ ބަނދަރުގައި: އެމްޕީއެލް


  • ކުޅުދުއްފުށީގައި ފެށީ ފްރީ ޒޯންގެ ޕައިލެޓް ޕްރޮޖެކްޓެއް

  • ކުޅުދުއްފުށީ ވިޔަފާރިތަކާއި އޯގަސްޓް 30 ވަނަ ދުވަހު ބައްދަލުކުރައްވާނެ

ރާއްޖޭގެ ދެވަނަ ފްރީ ޒޯން ޤާއިމް ކުރާނީ އައްޑޫ ސިޓީގައި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި އެމްޕީއެލްއިން ދެމުންދާ ޚިދުމަތްތައް ފުޅާކުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީ ގަތުމެއްގައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްރީޒޯންތައް ޤާޢިމް ކުރުމަކީ ސަރުކާރުން އިސްކަމެއް ދީގެން އިޤްތިޞާދު ސިންދަފާތު ކުރުމަށް ކުރަމުންދާ މަސައްކަތެކެވެ. މިމަސައްކަތުގެ ތެރެއިން ޑިއުޓީ އަކާއި ނުލައި މުދާ ބެހެއްޓޭ ޒޯން ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައިވަނީ ކަނޑައަޅާފައެވެ. ފްރީ ޒޯންތަކަކީ، ރާއްޖެ މުދާ ގެނެސް، މުދާ ބޭރުކުރުމުގެ ކުރިން ޑިއުޓީ ނުދައްކާ ބެހެއްޓޭ ސަރަހައްދުތަކެވެ.

ކުޅުދުށްފުށި ސަރަހައްދީ ބަނދަރުގެ ފްރީ ޒޯން ކަނޑައެޅުމަށް ފަހު ދެން އެންމެ އަވަހަށް މިމަސައްކަތް ފެށޭނީ ރާއްޖޭގެ ދެކުނުން ކަމަށް އެމްޕީއެލް ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވިއެވެ.

"މީގެ މޮޑެލްއެއް ރެޑީ ކުރަން ދެކުނަށް. އައްޑޫގައިވެސް އެބައޮތް ބަނދަރެއް. ކުޅުދުއްފުށީގައި ޕައިލެޓް ޕްރޮޖެކްޓް މި ފެއްޓީ. އަޅުގަނޑުމެން ވަރަށް ބޮޑަށް ތައްޔާރުވެފައި މިތިބީ. " ރިޝްވާން ވިދާޅުވިއެވެ.

ކުޅުދުށްފުށީގެ ފްރީޒޯނާއެކު ބަނދަރުން ދޭ ޚިދުމަތްތައް ވަނީ އިތުރުވެފައެވެ. އެގޮތުން ބޮންޑެޑް ޒޯންތަކުގެ އިތުރަށް، ބަލްކް ކާގޯ ރައްކާކުރެވޭނެ ޖާގަތައް ތަޢާރަފްކޮށް އެތެރޭގެ މުދާ އުފުލާ ބޯޓުތަކަށް ޚިދުމަތް ދިނުމަށް ބަނދަރުން ބައެއް ވަނީ ހަމަޖައްސާފައެވެ. މިއާއެކު ވިޔަފާރިތަކަށް ލުއިފަސޭ ގޮތްތަކެއް ހަމަޖެހޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އެމްޕީއެލްއިން ކުޅުދުށްފުށީ ބަނދަރުން ދޭ ޚިދުމަތްތައް ފުޅާކޮށް އުތުރުގެ 4 އަަތޮޅަކަށް ޚިދުމަތް ދިނުމަށް ވަނީ ތައްޔާރުވެފައެވެ. އަދި މި ޚިދުމަތްތަކާއި ގުޅޭ މައުލޫމާތުތައް ދިނުމަށް މިމަހުގެ 30 ވަނަ ދުވަހު ބައްދަލުވެއް ބާއްވާނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.

"މިމަހުގެ 30 ގައި އަޅުގަނޑުމެންގެ ބިޒްނަސް ޑިވެލޮޕްމަންޓާއި، ކައުންސިލާއި ވިޔަފާރިވެރިން އަދި ބީއެމްއެލް ހިމެނޭހެން 100 އެއްހާ ފަރާތް ބައިވެރިވާ ބައްދަލުވުމެއް ކުރިއަށްގެންދާނަން. އަލަށް ފެށުނު ޚިދުމަތްތައް ކިހާ ފުޅާދާއިރާއެއްގައިތޯ ކުރިއަށް ގެންދެވޭނީ. މީގައި ބޭންކުތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާނެ، ޚާއްސަކޮށް ރަހުނު ނުބަހައްޓާ 3 މިލިއަނާއި ހަމައަށް ވިޔަފާރިތަކަށް ދޫކުރާ ލޯނު." ރިޝްވާން ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، އެކުންފުނީގެ ލޮޖިސްޓިކް ޚިދުމަތްތައް އުތުރުން ދެކުނަށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިފައިވާ ކަމަށެވެ. މިއާއެކު ސަރަހައްދީ ވިޔަފާރި ބަނދަރުތަކަށް ގެނެވޭ ކޮންޓެއިނަރުތައް އަތޮޅުތަކަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ސަރުކާރުން ވަނީ އުތުރުގެ ފްރީ ޒޯނުގެ އިތުރުން، ދެކުނާއި މެދުތެރޭ ވެސް މިފަދަ ޒޯން ކަނޑައަޅާނެކަން ހާމަކޮށްފައެވެ. އަދި މިސަރަހައްދުތައް ތަރައްޤީކޮށް އެތެރެކުރާ މުދަލަށް ޑިއުޓީ ނުދައްކާ އަގު އެއްކުރެވޭނެ ގޮތް ހެދުމާއެކު ރީއެކްސްޕޯޓް ކުރުމަށް މަގުފަހިކުރުމެވެ.