ޚަބަރު

ރާއްޖޭގެ ފުރަތަމަ އޭއައި ޑިގްރީ ކޯސް މިއާންޒު ކޮލެޖުން ތަޢާރަފްކޮށްފި


  • އޭއައި ޑިގްރީގެ ސަބަބުން މިދާއިރާއިން މާހިރުން ތަމްރީނުކުރުމަށް ފުރުސަތު ލިބޭނެ

  • ޑިގްރީ ކޯހުގައި ޕްރޮގްރާމިން އަދި އޭއައިގެ ގިނަ ބައިތައް ކިޔަވައިދޭނެ

  • އަތޮޅު ތެރެއިންވެސް ކޯހުގައި ބައިރިވުމުގެ ފުރުސަތު އެބައޮތް

މިފަހަކަށް އައިސް ދުނިޔޭގެ ކަންކޮޅުތަކުގައި މަޤްބޫލުކަން ހޯދަމުންދާ އާޓިފިޝަލް އިންޓެލިޖެންސް ދާއިރާއިން ޑިގްރީއެއް، މިއާންޒް ކޮލެޖުން ފުރަތަމަ ފަހަރަށް ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.

އާޓިފިޝަލް އިންޓެލިޖެންސް އެންޑް މެޝިން ލާރނިންގއަށް ޚާއްސަ ބެޗެލަރސް ޑިގްރީ ކޯސް ތަޢާރަފްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެކަމަށްޓަކައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. މިއާންޒުން ބުނީ، މިއީ ދިވެހިރާއްޖޭގައިވެސް މިދާއިރާގެ މާހިރުން ތަމްރީންކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އެކޮލުން ތަޢާރަފްކުރި ތިންއަހަރުގެ ބީއެސްސީ (ބެޗެލަރ އޮފް ސައިންސް) ޕްރޮގްރާމުގައި ކޮމްޕިއުޓަރ ސައިންސްގެ އަސާސީ މަޢުލޫމާތާއި، ޒަމާނީ އޭ.އާއި މައުޟޫތަކާއި އަދި ކެޕްސްޓޯން ޕްރޮޖެކްޓެއް ހިމެނެއެވެ. ކޯހުގައި އޮންލައިންކޮށް ކިޔަވައިދިނުމުގެ އިތުރުން ކްލާހުގައި ތިބެގެންވެސް ކިޔަވަން ޖެހޭ ބައިތައް ހިމެނެއެވެ. އެހެން ކަމުން އަތޮޅުތަކުގައި ތިބޭ ކުދިންނަށްވެސް ކޯހުގައި ބައިވެރިވެވޭނެ ކަމަށް މިއާންޒުން ބުނެއެވެ.

މިކޯހާއި ބެހޭގޮތުން ވާހަކަދައްކަވަމުން މިއާންޒް ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. ފާތިމަތު ޝަހީމާ ވިދާޅުވީ، މިކޯސް ތަޢާރަފްކުރެވިފައި މިވަނީ ދެ އަހަރުގެ މަސައްކަތުން ކަމަށެވެ. މީގެ އަމާޒަކީ ދިވެހީންނަކީ ހަމައެކަނި އޭއައި ބޭނުންކުރާ ބަޔަކަށް ނުވެ، އޭއައި އުފައްދާ ބަޔަކަށް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއާންޒް ކޮލެޖުގެ ޑިގްރީއަކީ 6 ސެމެސްޓަރުގެ މައްޗަށް ބެހިފައިވާ 360 ކްރެޑިޓް ޕޮއިންޓް ހިމެނޭ ޑިގްރީއެއް ކަމަށް މިއާންޒުން މައުލޫމާތު ދެއެވެ. ކޯހުގައި ފުރަތަމަ ކިޔަވައިދޭނީ ޕްރޮގްރާމިންގ (ޕައިތަން އަދި ސީ++), ޑޭޓާ ސްޓްރަކްޗަރސް، ޑޭޓާބޭސްތައް، ޑިސްކްރީޓް މެތެމެޓިކްސް، ކެލްކިއުލަސް އަދި ސްޓެޓިސްޓިކްސްއެވެ. ދެން ކުރިއަށްދާނީ، މެޝިން ލާރނިންގ، ޑީޕް ލާރނިންގ، ކޮމްޕިއުޓަރ ވިޝަން، ނެޗުރަލް ލޭންގުއޭޖް ޕްރޮސެސިންގ، ބިގް ޑޭޓާ އެނަލިޓިކްސް އަދި އެޑްވާންސްޑް އެލްގޮރިދަމްސްއަށް ޚާއްސަ ކްލާސްތަކެވެ. ކޯސް ނިންމާލެވޭނީ 30 ކްރެޑިޓްގެ ކެޕްސްޓޯން ޕްރޮޖެކްޓަކުންނެވެ. ކޯހުގައި ހިމެނޭ ރިސާރޗް މެތަޑްސް އަދި "ވަރކް ސްކިލްސް އެންޑް އެމްޕްލޯޔަބިލިޓީ" މޮޑިއުލްތަކުގެ މަޤްޞަދަކީ ގްރެޖުއޭޓުން ޢަމަލީ މަސައްކަތްތަކަށް ތައްޔާރުކުރުން ކަމަށް މިއާންޒުން ބުނެއެވެ.

މި އައު ޑިގްރީ ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގައި އޭއައި ދާއިރާއަށް ބޭނުންވާ ހުނަރުވެރި މީހުން އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށާއި، މިއީ ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާއަށް ލިބޭ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށް މިއާންޒުން ބުނެއެވެ. ކޯހުން ގްރެޖުއޭޓްވާ ދަރިވަރުންނަށް ރާއްޖޭގެ އެކި ދާއިރާތަކުގައި އޭއައި ޓެކްނޮލޮޖީ ތަޢާރަފުކޮށް، ތަރައްޤީކުރުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް މިއާންޒުން ފާހަގަކުރެއެވެ.

މިއާންޒުން ބުނީ، ރާއްޖެފަދަ ކުޑަ ސާރވިސް އިކޮނޮމީއެއް އޮންނަ ޤައުމެއްގައި އޭއައި ދާއިރާގެ ހުނަރުވެރިން ތަމްރީންކުރުމުގެ ޤާބިލްކަން ލިބުމުން ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރު މަދުކުރެވި، ރާއްޖޭގެ އިދާރާތަކަށް ޒިންމާދާރު ގޮތެއްގައި އޭއައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. މިއީ އޭއައި ގަވަރނަންސް އަދި ލިޓަރަސީ ބިނާކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކާ އެއްގޮތްވާ ކަމެއް ކަމަށެވެ.