"ޑރ ޕެޕާ" ސޮފްޓް ޑްރިންކް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުންނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން އެދިއްޖެއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި އުފައްދާފައިވާ ބުއިމެއް ކަމަށްވާ "ޑރ ޕެޕާ" ސޮފްޓް ޑްރިންކް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އެންގީ އޭގައި ހުންނަންޖެހޭ މިންވަރަށް ވުރެ "ބެންޒޮއިކް އެސިޑް" އިތުރުވުމުގެ ސަބަބުންކަމަށެވެ. އެހެންކަމުން މި އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށާއި އަދި ނައްތާލުމަށް އެމްއެފްޑީއޭއިންވަނީ އަންގާފައެވެ.
އެމްއެފްޑީއޭއިން ބުނީ މި އުފެއްދުން ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މަޢުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް މެދުވެރިކޮށް އެއޮތޯރިޓީއަށް މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއުފެއްދުން ދިވެހިރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުންނުކުރުމަށް އެމްއެފްޑީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.