ޚަބަރު

ރައީސުލްޖުމްހޫރިއްޔާއަށް ނޮޅިވަރަންފަރުން ހޫނު މަރުޙަބާއެއް


  • މިއީ މިދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 7ވަނަ ރަށް

  • އުމްރާނީ ތަރައްޤީއާއި ގުޅުންހުރި ތަފާތުއެކި މަޝްރޫޢުތައް ފަށްޓަވާދެއްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނޮޅިވަރަންފަރަށް ވަޑައިގެންފިއެވެ. މިއީ އެމަނިކުފާނު ހދ. އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 7ވަަނަ ރަށެވެ.

ރައީސުލްޖުމްހޫރިއްޔާ ނޮޅިވަރަންފަރަށް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެސަރަހައްދަށް ޖަމާވެ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ނޮޅިވަރަންފަރު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުތުފުޅުގައި، ނޮޅިވަރަންފަރު ސްކޫލްގެ އިސްވެރިންނާއި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ނޮޅިވަރަންފަރުގެ އުމްރާނީ ތަރައްޤީއާއި ގުޅުންހުރި ތަފާތުއެކި މަޝްރޫޢުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ނޮޅިވަރަންފަރު ހެލްތު ސެންޓަރ އެކްސްޓެންޝަން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެރަށުގެ ސްކޫލުގެ މަލްޓ-ިޕަރޕަސް ހޯލާއ،ި އުމްރާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން، ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު، ނޮޅިވަރަންފަރުގައި ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން، ޓޫރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅުއްވާފައިވާ ބިން އަދި އެރަށުގައި އިމާރާތްކުރި 100 ހައުސިންގ ޔުނިޓް އެރަށު ކައުންސިލާއި ހަވާލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ‎ ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.