ޚަބަރު

ޤައުމީ ދުވަސް: 1980ގެ ފަހުން އުތީމަށް ޤައުމީ ބޮޑު ޢީދެއް


  • އުތީމުގައި އެންމެ ފުރަތަމަ ރަސްމީކޮށް ޤައުމީ ދުވަސް ފާހަގަކުރީ 1951ވަނަ އަހަރު

  • އެންމެ ބޮޑު ޤައުމީއެއް ފާހަގަކުރީ 1980ގައި ރައީސް މައުމޫނުގެ ވެރިކަމުގައި

ޤައުމީ ދުވަސް ނިސްބަތްވެވަޑައިގަންނަވަނީ ހއ. އުތީމު އަލްޚަތީބު ޙުސައިން ތަކުރުފާނުގެ ދަރިކަލުން މުޙައްމަދު ތަކުރުފާނު އިސްވެ ހުންނަވާ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހި ޤައުމާ އިސްލާމްދީން ޙިމާޔަތްކުރެއްވުމަށް ކުރެއްވި ޖިހާދުގެ މައްޗަށެވެ. މި ދުވަސް ފާހަގަކުރަނީ، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ ދުވަސްކަމަށްވާ ހިޖުރައިން 981ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއަށެވެ.

ޤައުމީ ދުވަސް އެންމެ އިހުން ފަށައިގެންވެސް އުތީމުގައި ރަށު ފެންވަރާ އަތޮޅު ފެންވަރުގައި ފާހަގަކުރަމުން އާދެއެވެ. އެންމެ ފުރަތަމަ ޤައުމީ ފެންވަރުގައި އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރީ 1 ރަބީޢުލްއައްވަލް 1371ގައެވެ. އެއީ މީލާދީން 1951ވަނަ އަހަރު، ބޮޑުވަޒީރު އަލް އަމީރު މުޙައްމަދު އަމީނުގެ ވެރިކަމުގައެވެ.

އުތީމުގައި ދެވަނައަށް ޤައުމީ ދުވަސް، ޤައުމީ ފެންވަރުގައި ފާހަގަކުރީ ރައީސް މައުމޫނުގެ ވެރިކަމުގައި 1980ވަނަ އަހަރުއެވެ. އެއީ މިހާތަނަށް އުތީމުގައި އެންމެ ކުލަގަދަކޮށް ޤައުމީ ދުވަސް ފާހަގަކުރި ފަހަރެވެ.

އުތީމުގައި ފެންނަންހުރި ތަކުރުފާނުންނާ ގުޅޭ ބިނާތައް ސަރުކާރުގެ ބެލުމުގެދަށުން ރަސްމީކޮށް ބެލެހެއްޓުމުގެ މަސައްކަތް ފަށާފައިވަނީ، އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ތަރައްޤީކުރުމާއެކު 1986ވަނަ އަހަރުން ފަށައިގެންނެވެ. އުތީމު ޢަބްދުލްވާޙިދު ޙަސަންއަކީ، އެދުވަސްވަރުން ފެށިގެން ބީއެމްސީގެ މުދީރުގެ ބަދަލުގައި އެހީތެރިޔާގެ ގޮތުގައި މަޒުކަޒުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަދި 2000އިން ފެށިގެން 2016އާ ހަމައަށް، އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ މުދީރުކަން ކުރައްވާފަވެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި، ޢަބްދުލްވާޙިދު ޙަސަން ވިދާޅުވީ، 1980ވަނަ އަހަރު އުތީމުގައި، ރައީސް މަޢުމޫނުގެ ދަޢުރުގައި ފާހަގަކުރި ޤައުމީ ދުވަހަކީ އުތީމުގައި އެންމެ ބޮޑުކޮށް މިހާތަނަށް ފާހަގަކުރި ޤައުމީ ދުވަސްކަމަށެވެ. ރަސްމީ ޖަލްސާއާއި ސަޤާފީ ކުޅިވަރުތަކާއެކު، އެތަށް ސަތޭކަ ބަޔަކު އެ އަހަރު ޤައުމީގައި އުތީމަށް އަރާފަވެއެވެ. އަދި މި ހަރަކާތްތަކުގައި އަތޮޅުގެ ރަށްތަކާއި މާލެއިން އެތަށް ބަޔަކު ބައިވެރިވިއެވެ. އަދި ރަށް ޒީނަތްތެރިކުރުމުގެ މަސައްކަތަކީވެސް އެކި އަތޮޅުތަކުން ސާމާނު ގެނެސް، އެކި ރަށްރަށުން މީހުން ބައިވެރިވެގެން ކުރެވުނު ވަރަށް ބޮޑު މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

"އެއީ ވަރަށް މަތީ ފެންވަރެއްގައި ބޭއްވި ޤައުމީއެއް. އެސްޓީއޯގެ ފިހާރަ އުތީމުގައި ހެދި. ހާހެއްހާ މީހުން ރަށަށް އެރި. 4 އަތޮޅަކުން ފަނާ ދަނޑި ގެނެސް ބޮޑެތި ސިންގާ ގެތަށްހެދި މީހުން ތިބެން. ޚަރަދަށް ބެލުމެއް ނެތި ބޭއްވި ޤައުމީ ދުވަހެއް އެއީ." ޢަބްދުލްވާޙިދު ޙަސަން ވިދާޅުވިއެވެ.

ރަށްރަށުން އުތީމަށް ކޭން ގެނައުމަކީވެސް އޭރުގެ ސަޤާފަތުގެ ގޮތުން ކުރަމުން އައި ކަމެކެވެ.

"200 ކޭން އެ އަހަރު ޤައުމީގައި ހެދި. 100 ކޭން އުތީމުން. 100 ކޭން ދިއްދުއިން. މުޅި އަތޮޅުން މީހުން އައި." ޢަބްދުލްވާޙިދު ޙަސަން ވިދާޅުވިއެވެ.

އޭގެފަހުން އަތޮޅާ ރަށު ފެންވަރުގައި މި ދުވަސް އުތީމުގައި ކުލަގަދަކޮށް ފާހަގަކުރަމުން އާދެއެވެ. ނަމަވެސް ފަހުން، ސަރުކާރުގެ ދަޢުރުތަކުގައި އުތީމުގައި، ކޮންމެ ދަޢުރަކު އެއްފަހަރު ޤައުމީ ފެންވަރުގައި މި ދުވަސް ފާހަގަކުރެއެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ، ޖެހިޖެހިގެން ދެ ފަހަރު، އުތީމުގައި ރަސްމީ ފެންވަރުގައި މިފަހަރު ޤައުމީ ދުވަސް ފާހަގަކުރައްވަން ނިންމަވާފައެވެ. އެގޮތުން، މިފަހަރު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއާއެކު، ޤައުމީ އިނާމު ދިނުންވެސް އޮންނަނީ އުތީމުގައެވެ. މިއީ ފަހުގެ ތާރީޚެއްގައި އެންމެ ކުލަގަދަކޮށް ފާހަގަކުރާ ޤައުމީ ދުވަހެވެ.