ޚަބަރު

"ތަކުރުފާނުންގެ ރޭވުންތެރިކަމާއި ޕޯޗުގީޒުން ސިއްސުވާލި ކުޅަދާނަ އުކުޅުތައް"


  • މިއީ ޤައުމީ ދުވަހަށް ޙާއްސަކޮށް ޕީއެސްއެމް ނިއުސްއިން ތައްޔާރުކުރާ ޑޮކިއުމަންޓްރީ

  • ބާރަށާ އުތީމު އަދި ތަކަންދޫގެ މަންޒަރުތަކާއި، އިހުގެ ވާހަކަތައް

  • ކުރިން ނޭންގޭ އެތަށް މަޢުލޫމާތެއް

ފޯޗުކީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކޮށްދެއްވުމަށް، އުތީމު ތިންބެއިންނާއި، ދަންޑަހެލާއި ދެ ހާޖީން ކުރެއްވި މަތިވެރި ޖިހާދާ ގުޅޭ އެތައް ވާހަކަތަކެއް މިއަދާހަމައަށްވެސް އަޑު އިވިފަވާނެއެވެ. މީގެތެރެއިން ގިނަ ވާހަކަތަކަކީ އެ ހަނގުރާމައިގެ ތެރޭގެ ވާހަކަތަކެވެ.

ޤައުމީދުވަހަށް ޚާއްސަކޮށް ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޚާއްސަ ޑޮކިއުމަންޓްރީއަކީ، ވަށާ ޖެހޭގޮތަށް މި މުޅި ޙާދިސާގެ މައްޗަށް ތައްޔާރުކުރާ ޑޮކިއުމަންޓްރީއެކެވެ. މީގެ ކުރީގައި ނޭގޭ ވާހަކަތަކާއި އަދި އާއްމު ނުވާ އެތައް ވާހަކަތަކެއް މި ޑޮކިއުމަންޓްރީގައި ހިމެނެއެވެ. މީގައި ބަލާލާފައިވާނީ ހަމައެކަނި ކުރެއްވި ހަނގުރާއަށް އެކަންޏެއް ނޫނެވެ. އެއަށްވުރެ މާފުނަށް މި މަޢުލޫމާތުތައް ގެނެސްދީފައިވާނެއެވެ.

އެ ދުވަސްވަރު ދިވެހިރާއްޖެ އޮތްގޮތާއި، ދިވެހިންގެ ފޯރުންތެރިކަމާއި މުއްސަނދިކަމުގެ ވާހަކަތަކާއި، ދުނިޔެއަށް ދިވެހިރާއްޖެ މަޝްހޫރުވެފައިވާ ގޮތުގެ ވާހަކަތައް ހިމެނެއެވެ. އެފަދަ މުހިންމު ސަރަޙައްދަކަށް ދިވެހިރާއްޖެ ވުމުގެ ސަބަބުތަކާއި، ބޭރުގެ ޤައުމުތަކުން ދިވެހިރާއްޖެއަށް ކަޅިއަޅަމުން ދިޔަ ސަބަބުތައް ހިމެނޭނެއެވެ.

އަދި ޕޯޗުގީޒުން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ވިޔަފާރިތައް ކޮންޓްރޯލްކޮށް، ބާރުފޯރުވަމުންދިޔަ ގޮތުގެ ވާހަކަތަކަށް ވަރަށް ތަފްސީލީ ގޮތެއްގައި ބަލާލާފައިވާނެއެވެ.

އެންމެ ޝަޢުގުވެރި އެއް ބަޔަކީ، އުތީމު ތަކުރުފާނުގެ ރަސްމަތިފުށުގެ ވާހަކަތަކާއި، އެބޭބެފުޅުންގެ ކުޅަދާނަކަމުގެ ވާހަކަތަކެވެ. ތަކުރުފާނުންގެ ތުއްޕުޅު ދުވަސްވަރާއި، ތަޢުލީމު ޙާސިލްކުރެއްވި ދާއިރާތަކާއި އަދި ހުނަރުވެރިކަމުގެ ވާހަކަތަކެވެ.

މީގެއިތުރުން މިފަދަ ހަނގުރާމައަކާއި ކުރިމަތިލެއްވުމުގެ ކުރިން އެކަމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރެއްވުމާއި، "ދިވެހިރާއްޖެ" ގުދުރަތީގޮތުން އޮތް ގޮތް ދެނެގަތުމަށް ކަޅުއޮއްފުންމީގައި ކަނޑުމަތީގައި ހޭދަކުރެއްވި ދުވަސްތަކުގެ ވާހަކަތަކެވެ. އަދި ހަނގުރާމައަށް ނިކުންނެވުމަށް ބައިވެރިން ހޯއްދަވާ އެއްކުރެއްވިގޮތާއި، ހަނގުރާމައިގެ އުކުޅުތައް ދަސްކުރެއްވުމުގެ ވާހަކަތަކާ ހަމައިންފެށިން، ޙަމާލާތައް ޢަމާޒުކުރެއްވުމުގައި ބޭނުންކުރެއްވި އާދަޔާޚިލާފު ހުނަރުވެރި އުކުޅުތަކުގެ ތަފްސީލުތައް ހިމެނެއެވެ.

މީގެތެރޭގައި އުތީމު، ބާރަށް، ތަކަންދޫ އަދި އާއިލާއެކު މަލިކުގައި ހޭދަކުރެއްވި ދުވަސްތަކުގެ ވާހަކަތައްވެސް ހިމެނެއެވެ.

މި ޑޮކިއުމަންޓްރީ ގެނެސްދޭނީ ޤައުމީ ދުވަހުގެރޭ 22:00 ގައެވެ. ޑޮކިއުމަންޓްރީ ތައްޔާރުކުރުމަށް ޕީއެސްއެމް ނިއުސްގެ ޓީމުން ވަނީ އުތީމު ބާރަށް އަދި ތަކަންދުއަށް ދަތުރުކޮށްފައެވެ. ޕީއެސްއެމް ނިއުސްގެ ޢަމާޒަކީ، މިފަދަ ތާރީޚީ ވާހަކަތަކުގެ ތެދު، ޙަގީގަތް ބުނެދީ، އެ މަޢުލޫމާތުތައް އަންނަން އޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ގެންގޮސްދިނުމެވެ.