ޖެހިޖެހިގެން ދެ އަހަރު އުތީމުގައި ރަސްމީ ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އަދި މިއަހަރަކީ، ޤައުމީ އިނާމު މާލެ ފިޔަވައި އެހެން ރަށެއްގައި ދޭ ފުރަތަމަ އަހަރުވެސްމެއެވެ.
މިއަހަރުގެ ގައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އުތީމުގައި ގިނަ ތައްޔާރީތަކެއް އަންނަނީ ވަމުންނެވެ. ޤައުމީ ދުވަހުގެ ތައްޔާރީތަކާ ގުޅޭ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، ތައްޔާރީތައް އުތީމުގައި ވަރަށް ފޯރިއާއެކު ކުރިއަށްދާކަމަށެވެ.
އުތީމުގައި ޤައުމީ ދުވަހު ކުރިއަށްދާނެ ހަރަކާތްތަކުގެ ތެރެއިން ހެނދުނު ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތު އޮންނާނެއެވެ. އުތީމަށް ރައީސުލްޖުމްހުރިއްޔާ ވަޑައިގަތުމަށް ހަމަޖެހިފަވަނީ، ޤައުމީ ދުވަހުގެ ހެނދުނު 09:00ހާއިރުއެވެ. ރައީސްއަށް މަރުޙަބާ ދެންނެވުމަށް ސަޤާފީ ހަރަކާތަކާއެކު ރަށުގެ ބަނދަރު ސަރަޙައްދުގައި ކުރިއަށްދާނެއެވެ.
މި ދަތުރުފުޅުގެތެރެއިން، ރަށުގައި ބައެއް މުހިންމު މަސައްކަތްތަކުގެ ނިމުން ފާހަގަކުރައްވުމާއި އަދި ޤަޢުމިއްޔަތު މަޝްރޫޢުގައި ހިމެނޭ ބައެއް މުހިންމު މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވާނެއެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ އާދީއްތަ ދުވަހުގެ ހެނދުނު 10:00ގައެވެ.
"ޤައުމީ އިނާމު ރާއްޖޭގެ ރަށެއްގައި ފުރަތަމަ ފަހަރަށް ދިނުން މި އޮންނަނީ އުތީމުގަ. މި ރަސްމިއްޔާތުގައި 1200އެއްހާ މީހުން ބައިވެރިވާނެ. މާލެއިންނާ އަތޮޅުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވޭ. ބޭރުގެ 15ވަރަކަށް ސަފިރުން ބައިވެރިވެ ވަޑައިގަންނަވާ. ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އުއްތަމަ ފަނޑިޔާރު އަދި މިނޫންވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ." އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
ރަށަށް ވަޑައިގަންނަވާ މެހުމާނުންނާ ރަށުގެ ރައްޔިތުންނަށް ބާއްވާ ޖާފަތެއް، ޤައުމީ ދުވަހު މެންދުރު އޮންނާނެއެވެ.
އާސާރީ ވާހަކަތަކަށް ޚާއްސަކޮށް އުތީމުގައި ތަރައްޤީކުރާ ޕާކުގެ މަސައްކަތް، އިފްތިތާޙުކޮށްދެއްވުންވެސް އޮންނާނެއެވެ. އަދި އެ ޕާކުގައި، ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދުމުގެ ޕްރޮގްރާމެއް އެ ދުވަހުގެ ހަވީރު ކުރިއަށްދާނެއެވެ.
އުތީމު ކައުންސިލްގެ ޢަބްދުﷲ ރަޝީދު ވިދާޅުވީ، ޤައުމީ ދުވަހު ރޭގަނޑު ބާއްވާ ސަޤާފީ ހަރަކާތްތަކުގައި އުތީމުގެ އިތުރުން އަތޮޅުގެ 5 ރަށަކުން ބައިވެރިވެ ސަޤާފީ ހުށައެޅުންތައް ހުށައަޅާނެކަމަށެވެ. އެރޭ އުތީމުގައި ހަވާ އެރުވުމުގެ ކުޅިވަރުވެސް ކުރިއަށްދާނެއެވެ.
25ވަނަ ދުވަހު، ކުޑަކުދިންނާ އިސްރަށްވެހިންނަށް ޚާއްސަކޮށް ހަވީރެއް ބޭއްވުމާއި އަދި ރޭގަނޑު ބޮޑުބެރުގެ ކުޅިވަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ޤައުމީ ދުވަހަށް އުތީމުން އަންނަނީ ވަރަށް ފުރިހަމައަށް ތައްޔާރީތައްވަމުންނެވެ. އެގޮތުން ރަށުގެ ބަދަރު ސަރަޙައްދު ޒީނަތްތެރިކުރުމާއި، މުހިންމު ޢުމްރާނީ މަސައްކަތްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ.
އަދި އުތީމު ރަމްޒުކޮށްދޭ މޮނިއުމަންޓް، ކަޅުއޮއްފުންމި އަސްލާ އެއްގޮތް ބަދަލުތަކާއެކު މަރާމާރުކުރުމުގެ މަސައްކަތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ފުރަތަމަ ފަހަރަށް "އުތީމު"ގެ ނަން ފެންނާނެހެން ބަނދަރުގައި ރަށުގެ ނަމުގެ މޮނިއުމަންޓެއްވެސް ވަނީ ބަހައްޓާފައެވެ.
މި މަސައްކަތްތަކުގައި ރަށުގެ ރައްޔިތުން ވަރަށް ފޯރިއާއެކު ދަނީ ބައިވެރިވަމުންނެވެ. އެގޮތުން އުމްރާނީ މަސައްކަތްތަކާއި ރަށް ޒީނަތްތެރިކުރުމާއި ސާފުކުރުމުގެ މަސައްކަތްތަކާއި، ރަށަށް އަރާ ފަރާތްތަކަށް މަރުޚަބާ ދެންނެވުމުގެ ތައްޔާރީތައް ހިމެނެއެވެ. މި މަސައްކަތްތަކުގައި ރަށުގެ ކުދިބޮޑު ހުރިހާ ރައްޔިތުން ބައިވެރިވެއެވެ.