ޚަބަރު

ނިލަންދެއަތޮޅު ދެކުނުބުރީ "ވައްލަ"އަކީ ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިފި


  • ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި ދ. ވައްލަ ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއް

  • މިގޮތަށް ހަމަޖެއްސީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން

ނިލަންދެއަތޮޅު ދެކުނުބުރީ ''ވައްލަ'' އަކީ އެއަތޮޅު ކުޑަހުވަދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުއިން، ނިލަންދެއަތޮޅު ދެކުނުބުރީ ''ވައްލަ'' އަކީ އެއަތޮޅުގެ ކުޑަހުވަދޫގެ ބައެއް ކަމުގައި ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 134ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ދ. ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި ދ. ވައްލަ ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ. ދ. ކުޑަހުވަދޫގެ އިޤްތިޞާދަށް ފައިދާވާ މަސައްކަތެއް ކުރެވޭނެ ގޮތަށް، ދ. ވައްލަ ހަމަޖެއްސަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 2025 މާރިޗް 5 ގައި ދ. ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައެވެ.

މި ޤަރާރު އެކަށައެޅުމާއެކު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން)ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.