ސާނަވީ އިމްތިހާނުގެ ނަތީޖާއަކީ ދަރިވަރުންގެ މަދުރަސީ ޙަޔާތުގައި އެންމެ އިންތިޒާރުކުރާ ނަތީޖާއެވެ. ސަބަބަކީ އެއީ ކުދިންގެ ތަޢުލީމީ ޙަޔާތް ބައްޓަންވެގެންދާނެގޮތުގެ މިސްރާބު ދައްކުވައިދޭ ނަތީޖާކަމަށްވުމުންނެވެ. ގަދައަޅައި މަސައްކަތްކުރާ އެތައް ދަރިވަރުންނަކަށްވެސް އެންމެ ބޭނުންވާ ނަތީޖާ ނުލިބޭ ޙާލަތްތަކާއި، ހީނުކުރާ ނަތީޖާ ބައެއް މާއްދާތަކުން ލިބި އެކަމުގެ މާޔޫސްވުމާއި ކުރިމަތިލީ އެތައް ދަރިވަރުންނެއް ފެނިގެންގޮސްފައިވެއެވެ.
ސްކޫލް ދައުރުގައި ވަކި ދާއިރާއެއް ކަނޑައަޅައިގެން އެދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރުމަށް ނުވަތަ ކެރިއާ ބިނާކުރަން މަސައްކަތް ކުރަން އޮތް ފުރުޞަތު އެތައް ދަރިވަރަކަށް ބަންދުވި އެއް ސަބަބަކަށް އެންމެ މާއްދާއަކުން ނަމަވެސް ދަށް ނަތީޖާއެއް ލިބުން މިއީ ހަގީގަތެވެ.
މިފަދަ ދަރިވަރުންނަށް ލިބޭ ފުރުޞަތު ހަނިވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މަތީ ތަޢުލީމުގެ ދާއިރާއާއި ކެރިއާ ވަކި ދާއިރާއަކުން ބިނާކުރުމުގެ މަޤްސަދުގައި މަސައްކަތް ކުރަމުންދާ ދަރިވަރުންނަށް އެންމެ މާއްދާއަކުން ނުވަތަ ދެމާއްދާއިން ފާސްނުވުމުން ނުވަތަ ދަށް ނަތީޖާ ލިބިގެން އެހުވަފެންތައް ޙަގީގަތަކަށް ހެދުމަށް އޮތް ދޮރު ބަންދުވިޔަނުދިނުމަށް ސަރުކާރުންވަނީ މަތީ ސާނަވީ ތަޢުލީމުގެ ނިޒާމަށް ދަރިވަރުން ވަންނަ ކްރައިޓީރިއާއަށް ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން އެދަރިވަރަކު ކުރިއަށްދާން ބޭނުންވާ ރޮނގަކުން، 3 މާއްދާއިން ނުވަތަ 4 މާއްދާއިން ފާސްވެފައިވާނަމަވެސް އެކުއްޖަކަށް މަތީނާ ސަނީގައި ބައިވެރިވެ ތަޢުލީމުގެ ފުރުޞަތު ކަށަވަރުކުރުމަށް މަސައްކަތް ކުރެވޭނެ މަގުވަނީ ފަހިވެގެން ގޮސްފައެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިކަމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވީ، ދަރިވަރަކު ކުރިއަށްދާންބޭނުންވާ ދާއިރާގެ މާއްދާތަކުން ފާސްވެފައިވާނަމަ އައު އުސޫލުގެ ތެރެއިން ދެވޭ ލުޔާއެކު، އެކުއްޖަކަށް އެދާއިރާއަކުން ކުރިއަށްދިޔުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.
"މިސާލަކަށް އެކައުންޓިންގ މާއްދާއިން "އޭ" ހިސާބުން "އޭ"، އަދި ބިސްނަޒް ސްޓަޑީޒްއިން ފަހަރެއްގައި "ބީ" އެއް އޮތް ދަރިވަރަކު، އެދަރިވަރަކަށް އެބައޮތް އެކައުންޓިންގ ދާއިރާއިން ކުރިއަށްދިޔުމުގެ ފުރުޞަތު ފަހިވެފައި. އެކައުންޓެންޓަކަށްވުމުގެ ފުރުސަތުވެސް އެކުއްޖާއަށް މުސްތަޤުބަލުގައި އެބައޮތް" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
އަލަށް ގެނެވުނު ބަދަލުތަކާއެކު އެކޑަމިކް ފުރުޞަތުގެ އިތުރުން މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންނަށް ސްކޫލް މާޙައުލުގައި ޓިވެޓް ޕްރޮގްރާމްގެ ފުރުޞަތާއި، އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން މަސައްކަތުގެ ޢަމަލީ ތަޖުރިބާ ހޯދޭނެ ފުރުޞަތު ފަހިވާނެހެން މާއްދާތައް އެކުލެވޭނެއެވެ. އެގޮތުންޓިވެޓްގެ ތެރެއިން މިވަގުތު ބައެއް ސްކޫލްތަކުގައި ހަމައެކަނި ބީޓެކް ޕްރޮގްރާމް އޮތްނަމަވެސް ކައިރި މުސްތަޤުބަލެއްގައި މަސައްކަތްތެރިކަމުގެ ދާއިރާއިން ދަރިވަރުންނަށް މަތީ ސާނަވީ މަރުޙަލާގައި ކުރިއަށްދެވޭނެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.
ތަޢުލީމީ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ އިންސާނީ ވަޞީލަތް ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިއީ ސްކޫލް މަރުޙަލާގައި އެޅިގެންދާނެ މުހިއްމު ފިޔަވަޅެއްކަމަށެވެ. މިގޮތުން ވަކި މަސައްކަތްތަކެއްގެ ދާއިރާއިން އިތުރަށް ތަޢުލީމާއި ތަމްރީން ހޯދުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިވެ، ރާއްޖޭގެ މަސައްކަތުގެ ބާޒާރަށް ބޭނުންވާ ޒުވާނުން ބިނާކުރުމަށް ލިބޭ ބާރަކަށްވެގެންދާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.