ޚަބަރު

ބީބީ ޓިކި ޓަކާ އިންޓަނޭޝަނަލް ސުޕަކަޕްގެ ޗެމްޕިއަންކަން އޮޑި ސްޕޯޓްސް ކުލަބަށް


ބިސްބުރު އެކަޑަމީން އިންތިޒާމުކޮށްގެން ފުރަތަމަ ފަހަރަށް ބޭއްވި ބީބީ ޓިކި ޓަކާ އިންޓަނޭޝަނަލް ސުޕަކަޕްގެ ޗެމްޕިއަންކަން އޮޑި ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

އޮޑި ސްޕޯޓްސް ކުލަބުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހޮނިހިރު ދުވަހު ހަވީރު ހެންވޭރު ފުޓްބޯލަ ދަނޑުގައި ކުރިޔަށްދިޔަ ފައިނަލް މެޗުގައި ބީޖީ ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅެ 2-1 ލަނޑުންނެވެ.

12 ޓީމުން ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ޓްރޮފީ އުފުލާލުމަށްފަހު ޕީއެސްއެމް ނިއުސްއަށްދިން އިންޓަވިއުއެއްގައި އޮޑީގެ ކޯޗު އަލީ ފާރޫގު ބުނީ ކާމިޔާބީގެ އަސްލަކީ ހުރިހާ މީހުން ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވިއިރުވެސްތައްޓާއި ހަމައަށް އާދެވޭނެކަން އިނގޭކަމަށެވެ.

ފަރީދު މުހައްމަދު (ފަރީދު ކޯޗު) އާއި އެކު އޮޑި އެކަޑަމީން ކުރާ މަސައްކަތުގައި އެންމެ ބޮޑަށް ތަރުހީބުދޭ ބަޔަކީ ބެލެނިވެރިންކަމަށާއި، އެކަމަށްޓަކައި ބެލެނިވެރިންނަށް ޝުކުރު އަދާކުރާކަމަށް އޮޑި ސްޕޯޓްސް ކުލަބުގެ ކޯޗު ބުންޏެވެ.

އަދި މިފަދަ މުބާރާތްތައް ވީހާވެސް ގިނައިން ބާއްވާ 16 އަހަރުން ދަށުގެ އުމުރުފުރައަށް ވާދަވެރި މެޗުތައް ކުޅުމުގެ ފުރުސަތުތައް އިތުރުކޮށްދޭން ޖެހޭ ކަމަށް އޮޑީގެ ކޯޗު ބުންޏެވެ. އަމިއްލަ ފަރާތްތަކުންނާއި އެފްއޭއެމުން އަދި ސަރުކާރުންވެސް ވީހާވެސް ގިނައިން މިކަހަލަ މުބާރާތްތައް ބާއްވާނެ ކަމަށް އުންމީދު ކުރާކަމަށާއި، އޭރުން މިއަށްވުރެ މާ ފުރިހަމައަށް ތައްޔާރުވެގެން އައިސް މޮޅެތި ހުނަރުވެރި ކުދިން ފުޓްބޯޅައަށް ނެރެދޭނެ ކަމަށް އޮޑީގެ ކޯޗު ބުންޏެވެ.

މުބާރާތުގެ ރަނަރަޕް ޓީމު ބީޖީ ސްޕޯޓްސް ކުލަބުގެ ކޯޗު މުއާވިޔަތު އިލްހާމް ބުނީ ކުޅުންތެރިންގެ ފަރާތުން ފެނުނު ހިތްވަރަށް ސާބަސްދޭކަމަށާއި ފައިނަލާއި ހަމައަށް އާދެވުނީ ހުރިހާ ކުޅުންތެރިންވެސް ވަރަށް އެކުވެރިކޮށް މަސައްކަތްކޮށްގެން ކަމަށެވެ. އަދި މި އުމުރުފުރާގެ ކުދިންނަށް މުބާރާތެއް ނުބާއްވާތާ ގިނަ ދުވަސްތަކެއްފަހުން ބޭއްވި މުބާރާތަކަށްވާތީ ފޯރި ގަދަކަމަށް ބީޖީގެ ކޯޗު ބުންޏެވެ.

އޭނާ ބުނީ މި މުބާރާތުގެ ސަބަބުން ގައުމީ ޓީމަށް ގިނަ ކުޅުންތެރިންތަކެއް ފޯރުކޮށްދެވޭނެ ކަމަށާއި، ކުދިންގެ ހުނަރު އިތުރަށް ތައްރައްގީކުރުމަށް މިފަދަ މުބާރާތްތައް ބޭއްވުން މުހިންމު ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ އޮޔާދިޔައީވެސް ސަޕޯޓަރުން ނެތުނީމަ ކަމަށާއި، ބީޖީގެ ހުރިހާވެސް ހިތްވަރަކީ ސަޕޯޓަރުން ކަމަށާއި، ސަޕޯޓަރުން ނެތްނަމަ ބީޖީ ނޯންނާނެ ކަމަށް ކޯޗު ފާހަގަ ކުރިއެވެ.

މެޗުތައް އަވަސްއަވަހަށް ކުޅެން ޖެހުމުން ކުޅުންތެރިން ޓަޔަޑް ވާ ކަމަށާއި ދުވާލަކު 2 މުބާރާތުގެ އިންތިޒާމުތަކާއި ގުޅޭ ގޮތުން ބީޖީގެ ކޯޗު ބުނީ އެއްދުވަހެއްގައި މާ ގިނަ މެޗު ކުޅެން ޖެހުމުގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް އުނދަގޫވިކަމަށާއި، ކުރިޔަށް އޮތްތަނުގައި މިފަދަ މުބާރާތްތަކުގައި ދުވާލަކު ދެ މެޗަށްވުރެ ގިނަ ނުވާގޮތަށް އިންތިޒާމުކުރުން މުހިންމު ކަމަށެވެ.

މި މުބާރާތް އިންތިޒާމުކުރުމުގައި އެންމެ އިސްދައުރެއް އަދާކުރީ ބިސްބުރު އެކަޑަމީގެ ހުސެއިން ނިޝާހް (ނިއްޓެ) އާއި މުހައްމަދު އިހްސާން (ލިއުބީ ކޯޗް) އެވެ.

ނިޝާހު ބުނީ ބީބީ ޓިކިޓަކަ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތަށް ހުރިހާ އެކަޑަމީތަކުންވެސް ވަރަށް ފުރިހަމަ ތަރުހީބެއް ލިބުނު ކަމަށާއި، މުބާރާތް ބޭއްވުމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، އަދި ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިޢުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ. އަދި އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤް (ޓޮމް) ގެ އެހީތެރިކަން ފާހަގަކޮށް މި ތިން ބޭފުޅުންނާއި މުބާރާތުގެ ހުރިހާ ސްޕޮންސަރުންނަށްވެސް ޝުކުރު އަދާކުރާކަމަށް ނިޝާހް ބުންޏެވެ.

މުހައްމަދު އިހްސާން (ލިއުބީ ކޯޗު) ބުނީ މިއީ އޭނާ ވަރަށް ކުޑައިރުން ފެށިގެން ކުރަމުން އައި ހިޔާލެއް ކަމަށާއި، މި30 މިނިޓްގެ 2 ހާފް ކުޅޭގޮތަށް 16 އަހަރުން ދަށުގެ އުމުރުފުރައަށް 11 އަ ސައިޑް މުބާރާތެއް މާލޭގައި ބޭއްވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިމުބާރާތުގައި ބައިވެރިވުމަށް ސްރީލަންކާގެ ޓީމަށް ދައުވަތުދީގެން ގެނައިކަން ފާހަގަކުރިއެވެ.

އަދި މި މުބާރާތުން މަދުވެގެން 14 ވަރަކަށް ހުނަރުވެރި ކުދިން ޒުވާން ގައުމީ ޓީމަށް ނެގުމަށް ފާހަގަކުރެވިގެންދިޔަކަމަށް މައުލޫމާތު ލިބިފައިވާކަމަށްވެސް ލިއުބީ ކޯޗް ފާހަގަކުރިއެވެ.

މުހައްމަދު އިހްސާން (ލިއުބީ ކޯޗު) ބުނީ މިއީ އޭނާ ވަރަށް ކުޑައިރުން ފެށިގެން ކުރަމުން އައި ހިޔާލެއް ކަމަށާއި، މި30 މިނިޓްގެ 2 ހާފް ކުޅޭގޮތަށް 16 އަހަރުން ދަށުގެ އުމުރުފުރައަށް 11 އަ ސައިޑް މުބާރާތެއް މާލޭގައި ބޭއްވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިމުބާރާތުގައި ބައިވެރިވުމަށް ސްރީލަންކާގެ ޓީމަށް ދައުވަތުދީގެން ގެނައިކަން ފާހަގަކުރިއެވެ.

އަދި މި މުބާރާތުން މަދުވެގެން 14 ވަރަކަށް ހުނަރުވެރި ކުދިން ޒުވާން ގައުމީ ޓީމަށް ނެގުމަށް ފާހަގަކުރެވިގެންދިޔަކަމަށް މައުލޫމާތު ލިބިފައިވާކަމަށްވެސް ލިއުބީ ކޯޗު ފާހަގަކުރިއެވެ.