ސިވިލް ސަރވިސް ކޮމިޝަނަށް 3 މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ. އެ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް 5 ބޭފުޅެއްގެ ނަން ދިރާސާ ކުރުމަށް ރައީސް ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ނަން ފޮނުއްވެވީ އެ ކޮމިޝަނުގެ 3 މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހުގެ 3ވަނަ ދުވަހަށް ހަމަވާތީއެވެ. އެގޮތުން، މުއްދަތު ހަމަވަނީ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހާއި މެންބަރުން ކަމަށްވާ މުޙައްމަދު ފަރުޞަތާއި ފާތިމަތު ޝަރީފްގެއެވެ.
މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާނަމަ އެ މަގާމަށް އިތުރު ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ހުށަހަޅުއްވަންޖެހެއެވެ. އެގޮތުން މަޖިލީހަށް ހުށަހަޅުއްވަނީ އާންމުކޮށް ފުރުސަތު ހުޅުވާލައިގެން ކުރިމަތިލުމުން ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެ ކޮމިޝަނަކަށް އައްޔަން ކުރައްވަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންތަކެވެ.
އެގޮތުން، ސިވިލް ސަރވިސް ކޮމިޝަންގެ ހުސްވާ 3 މެންބަރުންގެ މަޤާމަށް 5 ބޭފުޅެއްގެ ނަން ދިރާސާ ކުރެއްވުމަށް ރައީސް ވަނީ ފޮނުއްވާފައެވެ.
މި ނަންތައް ދިރާސާ ކުރެއްވުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރައްވާނީ އެ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާއެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ މަގާމުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ. އެ ކޮމިޝަނަކީ ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ.
މިހާރު އެ ކޮމިޝަނުގައި ތިއްބަނީ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހާއި ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛް މުޙައްމަދު މުޖްތާޒާއި ކޮމިޝަނުގެ މެންބަރުން ކަމަށްވާ މުޙައްމަދު ފަރުޞަތާއި ފާތިމަތު ޝަރީފާއި ފާތިމަތު ހަބީބާއެވެ.