ޚަބަރު

ޤައުމީ ދުވަހުގެ ޚާއްސަ ޑޮކިއުމެންޓްރީ: ދިވެހިންގެ އިހުގެ ދިރިއުޅުމާއި ޕޯޗުގީޒުން ރާއްޖެއަށް އެރި ސަބަބު


  • އިބުރަތުން ފުރިގެންވާ އެތައް ވާހަކަތަކެއް

  • ތާރީޚީ ވާހަކަތަކުގެ ފުނަށް ބަލާލާފައިވާނެ

  • އުމުރުން ދުވަސްވީ މީހުންގެ ގިނަ ވާހަކަތަކެއް

ދިވެހި ޤައުމިއްޔަތުގެ ރޫޙު ދިރުވާ އާލާކުރެވޭނީ، ޤައުމީ ވަންތަކަމުގެ ލޯބި އަޅުނޑުމެން ކޮންމެ ދިވެއްސެއްގެ ހިތްތަކުގައި އަށަގަނުވައިގެނެވެ. އެކަން ކުރެވޭނީ ދިވެހި ތާރީޚަކީ ކޮބާކަން އެނގި، އެ ޙާދިސާތަކުގެ ވާހަކަތަކުން ފިލާވަޅު ލިބިގެންނެވެ. މި މަގަށް ވާސިލުވެވޭނީ، އެ ވާހަކަތައް ދިވެހި ކުދިބޮޑު އެންމެންނަށް އެނގޭނެހެން ތިލަކޮށްދެވިގެންނެވެ. ޤައުމީ ކޮންމެ މުނާސަބަތަކާ ގުޅުވައިގެން ޕަބްލިކް ސަރވިސް މީޑިއާގެ ޕީއެސްއެމް ނިއުސްއިން މަސައްކަތްކުރަނީ، ދިވެހި ތާރީޚާ ސަޤާފަތުގެ ވާހަކަތައް، ދިވެހި ރައްޔިތުންނަށް ތިލަކޮށްދިނުމަށެވެ.

ދިވެހިރާއްޖެ ފަޚުރުވެރި ޤައުމީ ދުވަހަށް ޚާއްސަކޮށްގެން ޕީއެސްއެމް ނިއުސްއިން ތައްޔާރުކުރާ ޚާއްސަ ޑޮކިއުމެންޓްރީވެގެންދާނީ، މި މަޤުޞަދު ޙާސިލްކޮށްދޭނެ ޑޮކިއުމެންޓްރީއަކަށެވެ. މީގެ އެންމެ ޚާއްސަ ކަމަކަށްވާނީ، މި ޙާދިސާއާއި ގުޅޭ ރަށްރަށަށް ދަތުރުކޮށް، އެ ރަށްރަށުގެ މިހާދިސާއާއި ގުޅުންހުރި މައިދާންތަކުން މި ވާހަކަތަކާ މަންޒަރުތައް ގެނެސްދިނުމެވެ.

ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމަށް، އުތީމު ބަންޑާރައިން ކުރެއްވި ޖިހާދުގެ ވާހަކަ ކޮންމެ ދިވެއްސަކުމެ އަޑު އަހާފައިވާނެއެވެ. ޕީއެސްއެމް ނިއުސްއިން ތައްޔާރުކުރާ ޑޮކިއުމަންޓްރީ ތަފާތުވެގެންދަނީ، މި ޑޮކިއުމަންޓްރީގައި ވަށާޖެހޭ ގޮތަށް މުޅި މި ޙާދިސާއަށް ބަލާފައިވުމެވެ.

އެންމެ މުހިންމުކަމަކަށް، ޕޯޗުގީޒުން ރާއްޖެ އެރުމާއި އެމީހުން ރާއްޖެއަށް ޝަޢުގުވެރިކަން އުފެދުނު ގޮތުގެ ވާހަކަ ވަރަށް ތަފްސީލީ ގޮތެއްގައި ހިމަނާފައިވާނެއެވެ. އެދުވަސްވަރު ދިވެހިރާއްޖެ އޮތްގޮތާއި، ދިވެހިންގެ އާދަކާދައާއި ދިރިއުޅުމުގެ ވާހަކައާއި ދިވެހިން އޭރު ކޮށްއުޅުނުގެ މަސައްކަތްތަކުގެ ވަރަށް ޝަޢުގުވެރި ވާހަކަތަކެއް މި ޑޮކިއުމަންޓްރީގައި ހިމެނޭނެއެވެ.

ދެން އެންމެ ޚާއްސަ ކަމަކީ، ހއ.ބާރަށް، ހއ.އުތީމު އަދި ހއ.ތަކަންދޫގައި މި ޙާދިސާއާ ގުޅޭގޮތުން ފެންނަން ހުރި ސަރަޙައްދުތަކާއި، ބިނާތަކާ އާސާރުތައް، މިހާރު ފެންނަން ހުރި ގޮތަށް އެ މަންޒަރުތަކާއި ވާހަކަތަކާއެކު އެ ތަންތަނުން ގެނެސްދީފައިވުމެވެ. އަދި ވަރަށް މުހިންމު ކަމެއްގެގޮތުން، އުމުރުން ދުވަސްވީ މީހުން، މި ހާދިސާއާއި ގުޅޭގޮތުން އެމީހުންނަން އިވެމުން އައި ވާހަކަތައް ކިޔައިދީފައިވެއެވެ.

މީގެތެރޭގައި ކުރިން ނޭގޭ ނުވަތަ، އާއްމުވެފައި ނުވާ އެތައް ޝަޢުގުވެރި ވާހަކަތަކެއް މި ޑޮކިއުމަންޓްރީގައި ހިމެނެއެވެ.

އަދި ތާރީޚީ ފަތްފުއްތަކުގައި މިވާހަކަތައް އައިސްފަވާގޮތްވެސް ހިމަނާފައިވާނެއެވެ. މީގެތެރޭގައި ދިވެހި ރާއްޖެއިން ފެންނަންހުރި މަޢުލޫމާތާއި، ބޭރުގެ އެކި ޤައުމުތަކުގެ ތާރީޚީ ފަތްފުށްތަކުގައި ދިވެހި ރާއްޖެއާއި، ޕޯޗުގީޒުން ރާއްޖޭގައި އުޅުނު ދުވަސްވަރާ ގުޅޭގޮތުން ލިޔެފަ ހުރި ވާހަކަތައްވެސް ހިމެނެއެވެ.

ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލް މަހުގެ 1ވަނަ ދުވަހެވެ. މި ދުވަހަށް ޚާއްސަކޮށް ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޑޮކިއުމެންޓްރީގެ ޓްރެއިލާ މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ.